އެރެއަށްފަހު- ސަތާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ޝައިލާގެ ހިޔާލަށް ގެއްލިފައި އިން ނަޒާން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ޝައިލާގެ ޖަވާބު އައީ ކަމަށް ހިތައި އަވަސްކޮށްލާފައި ފޯނު ނަގައި މެސެޖު ހުޅުވައިލިއެވެ. "އައިމް ވޮޗިނ...

13 Oct 2019 | 04:30

ކުރީގެ އަދަދާ ގުޅޭ...

ޝައިލާގެ ހިޔާލަށް ގެއްލިފައި އިން ނަޒާން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ޝައިލާގެ ޖަވާބު އައީ ކަމަށް ހިތައި އަވަސްކޮށްލާފައި ފޯނު ނަގައި މެސެޖު ހުޅުވައިލިއެވެ.

"އައިމް ވޮޗިންގ ޔޫ" ނުދަންނަ ނަންބަރަކުން ކުރި އެ މެސެޖު ފެނިފައި ނަޒާންގެ ހިތުގައި މީހަކު ވިކައިލި ކަހަލައެވެ.

މިއަދު ހެނދުނުއްސުރެ މާވަރަކަށް މިގުޅަނީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. މެސެޖަށް ކަޅިއެއް އެއްލުމަށްފަހު ދެން އޭނާ ބަލަން ފެށީ ކުރިމަތީ ހުރި ފާރަށެވެ. ދެބުމަ ކައިރިކޮށްލައިގެން އިނދެ އިރުކޮޅަކު ވިސްނައިލިއެވެ. ހިތަށް އަރަންފެށި އެއްޗަކުން ނަޒާންގެ ދެފައި ހެލެން ފަށައިފިއެވެ. ހާސްވާން ފަށައިފިއެވެ. ނިތްކުރިން ދާހިއްލަން ފެށުމުން ތުވާލި ހިފައިގެން ގޮސް ވަނީ ފާހާނާ އަށެވެ. ޝަވަރ ދަށުގައި އެތައް އިރަކު ހުރުމަށްފަހު ނަޒާން ނިކުތީ ފަނަރަވަރަކަށް މިނެޓު ފަހުންނެވެ. އެވަގުތު ނުހާ ދޮރުގައި ތަޅަމުން ދިޔަ އަޑު އިވެއެވެ. އުނުގަނޑުގައި ތުވާލި އަނދެގެން ހުރި ނަޒާން ގޮސް ދޮރު ހުޅުވައިލިއެވެ.

ނަޒާންގެ ތެތް ހަށިގަނޑު ފެނުމުން ނުހާގެ ހިތަށް ގޮތްތަކެއް ވާން ފެށިއެވެ. މޫނުމައްޗަށް އެރި ކުލަވަރު ފޮރުވައިލަމުން ނުހާ ދެމިގަތީ ކޮޓަރި ތެރެއަށެވެ.

"ހިނގާބަ ފިހާރައަކަށް ދާން" ކޮޓަރިތެރެއަށް ނަޒަރު ހިންގައިލަމުން ނުހާ ބުނެލިއެވެ. ނަޒާން އަނގައިވެސް ނުބުނެ އަލަމާރިން ސޯޓު ބުރިއެއް ހިފައިގެން ގޮސް ވަނީ ފާހާނާ އަށެވެ.

ނަޒާން ފާހާނާ އަށް ވަނުމުން ނުހާ އެކޮޓަރިތެރެއަށް ބަލަންފެށިއެވެ. އެންމެފުރަތަމަ ވެސް ނުހާގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ކުރެހުންތަކެވެ. އެކުރެހުންތައް ރޭގައި ނުހާ އަށް ފެނެއްޖެ އެވެ. ރޭގައި ވެސް އެހިތަށް ވީފަދަ ގޮތްތަކެއް ވަމުންދިޔައެވެ. ހިތުގައި ޖެހި ފެންކަޅިވާހެން ހީވުމުން އަވަހަށް އެކުރެހުންތައް ހުރިތަނަށް ދޫކޮށްލިއެވެ. ނަމަވެސް އާ ކުރެހުމެއް ނުހާގެ ލޮލުގައި އަޅައިގަތުމުން އެކަރުދާސް ނަގައި ބަލައިލިއެވެ. އެއީ ނަޒާން މިރޭ ކުރެހި ކުރެހުމެވެ. އެކުރެހުން ފެނިފައި އެގުޅުމަށް ކުރިއެރުންތަކެއް ލިބިފައިވާކަން ނުހާ އަށް ވިސްނުނެވެ. ނަޒާން އަކީ ހިތުގެ އުދާސްތައް ކުރެހުމުން ހާމަކުރާ މީހެއްކަމުން، އެކުރެހުމުގެ މާނަ ނަގައިގަންނަން މާގިނައިރެއް ނުނެގިއެވެ.

ނުހާ ސިއްސައިގެން ދިޔައީ ފަހަތުން ނަޒާން އައިސް އެކަރުދާސްގަނޑު ޖަހައިގަތުމުންނެވެ.

"ކުރިން ވެސް ބުނިން ދޯ މީހުންގެ އެއްޗިހީގަ އަތްނުލާށޭ" މޭޒުމަތީގައި ހުރި ކަރުދާސްތައް އެއްކޮށްލަމުން ނަޒާން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭންގިފައި ނުހާ ހުރީ ނަޒާންގެ ހަރަކާތްތަކަށް ބަލާށެވެ.

"ޒާން ކިހިނެއްތަ ތިއުޅެނީ؟ އަހަރެން ހާދަ ދުރުކޮށްލައިފިއޭ މިހާރު... އެއްފަހަރު ރީއްޗަށް ވާހަކަ ދެއްކިއްޔާ އަނެއްފަހަރު ހީވަނީ އަހަރެން ކާލަފާނެހެން... ވާގޮތެއް ބުނެބަލަ..." ނަޒާންގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން ނުހާ އަހައިލިއެވެ. ނުހާގެ އަތް ފޮޅުވައިލުމަށްފަހު ނަޒާން ގޮސް ހުއްޓުނީ ޑްރެސިންގ ޓޭބަލް ކައިރީގައެވެ. ވަތްގަނޑު ހުޅުވައިލުމަށްފަހު ހުރިހާ ކަރުދާހެއް އޭގެ ތެރެއަށް އަޅައިލިއެވެ. އަދި ލޯގަނޑު ދޮށުގައި ހުރެގެން ގައިގައި ލޯޝަން ލާން ފެށިއެވެ.

"ނަޒާން ވާހަކަދައްކަބަލަ" ނުހާ އަނެއްކާވެސް ނަޒާން ކައިރިއަށް އައިސް ބުނެލިއެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް" ހަރުކަށިގޮތަކަށް ނަޒާން ބުނެލިއެވެ.

"ކޮން ކަމެއްތަ ތި ސިއްރުކުރަނީ؟ އަހަރެން ކައިރީ ނުބުނެވޭ..."

"ބުނެފީމެއްނު ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ... މިތަނުން ނިކުމެގެން ދޭ" ނުހާގެ އަޑު ބެދުނީ ނަޒާން އަޑުހަރުކޮށް ބުނި ޖުމްލައިންނެވެ. އެއަޑަށް ނުހާގެ ހަރަކާތް ހުއްޓުނެވެ. އެހެން ބުނިއިރު ނަޒާންގެ ކަރުގެ ނާރުތައް ހުރީ ފުއްޕާފައެވެ. ފެންކަޅިވެފައިވާ ދެލޮލުން ނަޒާންގެ މޫނަށް ބަލައިލުމަށްފަހު ކޮޓަރިން ނިކުންނަން ނުހާ ދުއްވައިގަތެވެ.

***

"ޝައި ރިޕްލައި ކޮށްބަލަ" ނަޒާންގެ މެސެޖަށް ބަލަހައްޓައިގެން އިން ޝައިލާ ކައިރީ ސުމާ ބުނެލިއެވެ.

"ވެދާނެއެއްނު އޭނަ މީން ކުރީ ޝައި ތިހީކުރާ ގޮތަށް ނޫން ކަމަށް ވެސް... އެންޑް ހީ ސެއިޑް ސޮރީ އޭ ވެސް" ޝައިލާގެ ކޮނޑުގައި އަތް ބާއްވައިލަމުން އަނެއްކާވެސް ސުމާ ބުނެލިއެވެ.

އޭގެފަހުން ޝައިލާގެ ލޮލުން ކަރުނަ ނުހިކެއެވެ. މިހާރު ދެދުވަސް ވީ އެވެ. ނަޒާން ފޮނުވި މެސެޖަށް ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނުކުރެއެވެ. ނަސީބު ދިމާކުރިގޮތުން ސަމާހް ވީ އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ގޮހެވެ. އެހެން ނޫންނަމަ އެތައް ސުވާލެއް ކުރާނެ އެވެ. އެމީހުން ސިއްރުކޮށްގެން އުޅޭ ހުރިހާ ކަމެއް ފަޅާއަރާނެކަން ޔަގީނެވެ.

ސުމާ ވާހަކަ ދައްކާ ދައްކާ ޝައިލާ އަނގައިން ނުބުނުމުން އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ސުމާ ދިއުމުން ޝައިލާ ނަޒާން އަށް ފޮނުވާން މެސެޖެއް ލިޔެލިއެވެ.

"ފިރިހެނުންގެ ހިތެއް ނުފުރޭނެ ދުވަހަކުވެސް.. އިޓްސް އޯވަރ" މިހެން ލިޔެލުމަށްފަހު ލޯމަރައިލިއެވެ. އަދި ނުބަލާ އިނދެ އެ މެސެޖު ފޮނުވައިލިއެވެ. އޭގެ ސިކުންތެއް ފަހުން ނަޒާން ގުޅަން ފަށައިފިއެވެ. ފޯނު އެނދުމައްޗަށް ދޫކޮށްލުމަށްފަހު ޝައިލާ ކޮޓަރިން ބޭރަށް ނިކުތެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ޝައިލާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.

މަގުމައްޗަށް ނިކުތްއިރު އިރުއޮއްސި އަނދިރި ވަނީ އެވެ. މިއީ ރާއްޖެ އައި ފަހުން ޝައިލާ އެކަނި ގެއިން ބޭރަށް ނިކުތް ފުރަތަމަ ފަހަރެވެ. މިސްރާބެއް ނެތި ޝައިލާ ހިނގަމުން ދިޔައެވެ. ނަމާދު ވަގުތުކަމުން މަގުމަތީގައި މީހުން ވެސް ތަންކޮޅެއް މަދެވެ. އިސްޖަހައިގެން ހިނގަމުން ދިޔަ ޝައިލާ ސިހުނީ ކޮނޑުގައި މީހަކު ޖެހިގަތުމުންނެވެ. އިސްއުފުލާ ބަލައިލިއިރު ފެނުނީ މުސްކުޅި އަންހެނެކެވެ. މައާފުކުރާށޭ ކިޔައި އެ އަންހެން މީހާ ކުރިއަށް ހިނގައިގަތެވެ. ކޮޅުކޮޅު ބަލައިލިއިރު ޝައިލާ އަށް ހުރެވުނީ މާރުކޭޓު ސަރަހައްދުގައެވެ. އެހިސާބުގައި ފެންނަނީ ހުސް ފިރިހެނުންނެވެ. ބޯޓު ފަހަރުގައި ހުސްގަޔާ ތިބި މީހުންނާއި، މުދާ އުފުލަމުން ދިޔަ މީހުންނާއި ގަދަޔަށް ދޮފާލައިގެން ވާހަކައިގައި ތިބި މީހުންނެވެ. އެއިން ކޮންމެ މީހަކު ވެސް ޝައިލާގެ ލޮލަށް ފެންނަމުން ދިޔައީ ވަލު ޖަނަވާރުތަކެއްގެ ސިފައިގައެވެ.

މީހުންގެ މޫނަށް ބަލަން ހުއްޓި ހުރި ޝައިލާގެ ގައިން ތުރުތުރު އަޅަން ފަށައިފިއެވެ. މިހިސާބަށް އޭނާ އަށް އެއާދެވުނު ގޮތަކާއި މެދު ވެސް ސުވާލު އުފެދެން ފަށައިފިއެވެ. ޝައިލާގެ ލޮލުގައި ދެން އަޅައިގަތީ ތަންކޮޅެއް ކައިރީގައި ވާހަކަ ދައްކަން ތިބި މެދު އުމުރުގެ ދެ ފިރިހެނުންނެވެ. އެކަކު ހުރީ ދޮފާ ރަތްކޮށްގެންނެވެ. އަނގަޔަށް ކުޅު ގިނަކޮށްގެން ވާހަކަދައްކަމުން ދިޔައިރު އަނގައިން ސޮނި ފައިބައެވެ. އެއްލި ކަޅިއަކުން އެމީހާގެ ލޮލުގައި ޝައިލާ އަޅައިގަނެފިއެވެ. އެމީހާ މަޑުމަޑުން ޝައިލާ ހުރި ދިމާލަށް ހިނގައިގަތެވެ. ޝައިލާގެ މޭގަނޑު ތެޅެގަޑީ ކުއްލިއަކަށެވެ. ދެލޯ ވެސް އިންތިހާޔަށް ބޮޑުވެއްޖެ އެވެ.

"ކޮއްކޮ ކަމެއް ވަނީތަ؟" ޝައިލާ ކައިރިއަށް އައިސް އެމީހާ އަހައިލިއެވެ. ދެން ހުރި މީހާ ވެސް ޝައިލާގެ ކުރިމައްޗަށް އަރައި ހާލު އަހައިލައިފިއެވެ. ޝައިލާގެ ނޭވާ އެވަގުތު ކުރުވާހެން ވެސް ހީވިއެވެ. އިސްޖަހައިގެން ފާރުގައި ލަށްވެލައިގެން ހުރިއިރު ދެފައިން ވެސް ތުރުތުރު އަޅައެވެ.

"ކޮއްކޯ ކިހިނެއް ވަނީ؟ ކަމެއް ގޯސްވީތަ؟" އިތުރު ފިރިހެނަކު އައިސް ޝައިލާ ވަށައިލަމުން އަހައިލިއެވެ. އޭރު ޝައިލާގެ ނޭވާގެ އަޑު އެތިން މީހުންނަށް ވެސް ރީއްޗަށް އިވެމުން ދިޔައެވެ. އެމީހުންގެ ކިބައިން ސަލާމަތްވެގެން ދާނެ ގޮތެއް ވެސް ނެތެވެ. ތިން މީހުން ތިބީ ޝައިލާ ވަށައިލައިގެންނެވެ.

އެމީހުން އެއުޅެނީ ޝައިލާ އަށް ކަމެއް ކުރާށޭ އޭނާގެ ހިތަށް އެރިއެވެ. ރޭގަނޑުގެ ކަޅު އަނދިރީގެ ތެރެއިން ދިއްލާފައިވާ ބޮކިތަކުން ފުރޭނިގެން އައިސްފައިވާ އަލިތަކުގެ ސަބަބުން މަގުމަތި ސާފުކޮށް ފެނެއެވެ. އެމީހުން ޝައިލާ އާއި ވާހަކަ ދައްކަމުން ދިޔައިރު ހީވީ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް އަޅަމުން ދިޔަހެންނެވެ. ފައިން ވާގި ދޫވެގެން އުޑުފައިން ތިރިވެވުނީ އިހްތިޔާރަކާއި ނުލައެވެ.

"ކިހިނެއް ވެގެން މިއުޅެނީ؟" ފަހަތުން އައި ފުލުހަކު އަހައިލިއެވެ. ފުލުސް ޔުނިފޯމުގައި ހުރި އެމީހާ އަކީ އެވަގުތު އެހިސާބު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހެކެވެ.

"މިކުއްޖާ މިތާ މާ ބިރުން ހުރީމަ ވީ ކީއްތޯ އަހާލަން އައީ... ވީގޮތެއް ނުބުނެވި އުޅެނިކޮށް ވެއްޓުނީ" އެތަނުން އެކަކު އޮޅުންފިލުވައިދިނެވެ.

ފުލުސް މީހާ ޝައިލާގެ މޫނަށް ބަލައިލުމަށްފަހު އެމީހުން ކައިރީ އެތަނުން ދުރަށް ދިއުމަށް އެދުނެވެ. ޝައިލާ ހާސްވެގެން އެއުޅެނީ އެންމެން ވަށައިލީމާ ކަން ފުލުސް މީހާ އަށް ވިސްނުނެވެ. އެންމެން ދުރުވުމުން ޝައިލާ ކައިރީ އުޑުފައިން އިށީންދެލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"ކޮން ނަމެއް ކިޔާ ކުއްޖެއް؟" ފުލުސް މީހާ ނަން އަހައިލިއެވެ. ޝައިލާގެ ތުންފަތުން ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ހަމަ ރީއްޗަށް ބިންމައްޗަށް ޝައިލާ ތިރިވެއްޖެ އެވެ. އަނގައިން ގިސްލުމުގެ އަޑު ނިކުންނަމުން ދިޔައިރު ކަޅި އިނީ އެއް ދިމާލަކަށް ހުއްޓިފައެވެ. ޝައިލާ އިނީ ބިރުންގޮސް ގަނޑުވެފައެވެ.

***

ޝައިލާ ހޯދަން ކޮޓަރިއަށް ދިޔަ ސުމާ އަށް ޝައިލާ ނުފެނިގެން މުޅި ގޭތެރެ ހޯދާ ބަލައިފިއެވެ. ޝާއިރާ، ޝަހާމާ އަދި ޒާނާ ވެސް ޝައިލާ ވީ ތަނެއް ނޭންގިގެން ކޮޅު ކޮޅު ހޯދަން ފެށިއެވެ. ޝައިލާ ގެއިން ނިކުމެގެން ދިޔަކަން އިނގުނީ އޭނާގެ ފައިވާން ނެތީމައެވެ. ޝައިލާގެ ފޯނަށް ހުއްޓާ ނުލައި ގުޅަމުން ދިޔަ ނަޒާން އަށް ވެސް ސުމާ ހާސްކަންމަތީ ހުރެ އެޚަބަރު ދީފިއެވެ.

"ޝައި އެއް ނެތް ގެޔަކު... އަހަރެން ވަރަށް ބިރުގަނޭ އެބަ ނަޒާން" ރޮއެގަންނަމުން ސުމާ ބުނެލިއެވެ.

"ރިލެކްސް އޭނަ އެއީ ކުޑަކުއްޖެއް ނޫނެއްނު އެކަނި އުޅެން އިނގޭޔެއޭ" ހަގީގަތް ނޭންގޭ ހާލު ނަޒާން ބުނެލިއެވެ.

"ނޫން ނަޒާން... ނަޒާން އަށް ނޭންގޭ އެތައް ކަމެއް އެބަހުރި... ޝައި އަކަށް އެކަންޏެއް ނޫޅެވޭނެ... ޕްލީޒް އޭނަ ހޯދަން ނިކުމެބަލަ އަހަރެން ވެސް އެބަ ނިކުންނަން..." ސުމާގެ އަޑުގައިވި ހިތްދަތިކަމުން ނަޒާން އަށް މަޖުބޫރުވީ އެވާހަކަތައް އަޑުއަހާށެވެ. ޝައިލާ އެކަނި ބޭރަށް ދިއުމުން އެމީހުން އެހާ ހާސްވާންޖެހޭ ސަބަބެއް ނޭންގުނެވެ. އަނެއްކާ ޝައިލާއަށް މާލޭގައި ހިނގާން ނޭންގެނީ ބާއެވެ. އެވެސް ވެދާނެ ގޮތެކެވެ. ވިސްނަން ނުހުރެ ނަޒާން އަވަސްކޮށްލާފައި ގެއިން ބޭރަށް ނިކުތް ވަގުތު ފޯނަށް މެސެޖެއް އައެވެ.

"ޔުއަރ ގާލް އިޒް އިންފްރޮންޓް އޮފް ލޯކަލް މަރކެޓް" ނުދަންނަ ނަންބަރަކުން އައި އެމެސެޖަށް ބަލައިލުމަށްފަހު ނަޒާން ދެފަރާތް ބަލައިލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް