ލާމު ލިންކު ރޯޑްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަސް ދަތުރުގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.
ލ އަތޮޅު ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ މީގެ ކުރިން އެ މަގުން ދަތުރުކުރަން 200 ރުފިޔާ ހަރަދު ކުރަން ޖެހުނު ނަމަވެސް އެ މަގުގައި ބަހުގެ ހިދުމަތް ދޭން ފެށުމުން، ދެން ހަރަދު ކުރަން ޖެހޭނީ 10 ރުފިޔާ އާއި 25 ރުފިޔާއާއި ދެމެދުގެ ފީއެއް ކަމަށެވެ.
ބަހުގެ ހިދުމަތް ފަށާފައިވާއިރު މާދަމައިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ބަސް ދަތުރުތައް ކުރަން ނިންމާފައިވަނީ ދަތުރުވެރިންގެ އަތުން އެއްވެސް އަގެއް ނުނަގަ އެވެ. މި ބަސްތަކަކީ އެއާ ކޮންޑިޝަން ބަސްތަކެކެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ދެ އަހަރުން ދަށުގެ ކުދިންނަށް އަބަދުވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ.
ހެނދުނު 6:45ގައި ބަސް ދަތުރުތައް ފަށާއިރު ބަސް ޕޮއިންޓްތަކެއްގެ ގޮތުގައި ފޮނަދޫގައި ހަތަރު ސަރަހައްދު އަދި ގަމުގައި ހަތަރު ސަރަހައްދެއް ވަނީ ފާހަގަ ކޮށްފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ ލ. އިސްދޫ އާއި ކަލައިދޫ އާއި ދެމެދުވެސް ބަހުގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދުވެސް ވާހަކަފުޅު ދެއްކެވި އެވެ. ސައީދު ވިދާޅުވީ މިއަދު ފެށުނު ހިދުމަތަކީ ރާއްޖޭގައި ދެވޭ އެންމެ ފެންވަރު ރަނގަޅު ހިދުމަތަށް ވެގެންދާނެ ކަމަށާއި ހިދުމަތް ފެށުމާއެކު ވަޒީފާގެ އިތުރު ފުރުސަތު ތަކެއް ތަނަވަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އެމްޕީއެލް އާއި ހަވާލު ކުރެވިގެން ކުރިއަށްދިޔަ މި މަސައްކަތް އެމްޕީއެލްއިން ނިންމާލާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި މިއީ އެމްޕީއެލްއިން ނަމޫނާ ދެއްކި މަސައްކަތްތަކެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފޮނަދޫން ގަމަށް ޑޮކްޓަރަށް ދެއްކުމަށާއި އެކި ބޭނުންތަކަށް ދާން ޖެހޭ އިރު މިއަދު ފެށި ބަސް ދަތުރުތަކާ އެކު އެއީ އެ އަތޮޅު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް