ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި، މިސްކިތް އަޅަނީ ސައުދީ ކުންފުންޏަކާއި ހަވާލުކޮށްގެން

ސައޫދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުނީގެ މާލީ އެހީގައި ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. ދިވެހިރާއްޖެއަށް އ...

13 Sep 2026 | 15:26
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައޫދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުނީގެ މާލީ އެހީގައި ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބިންގާ އެޅި މި މިސްކިތް ބިނާކުރަނީ ހުޅުމާލެ ދެވަނަ އަދި ތިންވަނަ ފިޔަވައްސާ ދެމެދުގައެވެ.

އެއްފަހަރާ ގާތްގަނޑަކަށް 10000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތަށް ކިޔާ ނަމަކީ "ޖާމިއުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ" އެވެ.

ރާއްޖެ އިސްލާމްވި ދުވަސްވަރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްކޮށް ދީފައިވާ މި ނަމަކީ އެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރައްވައި މުޅި ރާއްޖެއަށް އެ ދީން ފެތުރުއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ ނަމެކެވެ.

މި މިސްކިތުގެ ޑިޒައިން ތައްޔާރުކޮށްފައިވަނީ ވެސް އަލް ރާޖިހީ ކުންފުނީގެ ތަޖުރިބާކާރުންނެވެ. މިސްކިތާ އިންވެގެން "އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒެއް" ޤާއިމުކުރާ އިރު ރާއްޖޭގައި އިސްލާމްދީން ފެތުރުނު ގޮތް ބަޔާންކޮށްދޭ ތަންތަން އެ މަރުކަޒުގައި ހުންނާނެއެވެ.

ޓޫރިސްޓުންނަށް ވެސް ޒިޔާރަތްކުރެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސްގައި ޤުރުއާން މިއުޒިޔަމަކާއި އިސްލާމީ ލައިބްރަރީ އަކާއި ތަޢުލީމީ އަދި ކޮމިއުނިޓީ ސެންޓަރަކާއި ވަޤުފު ބިނާތަކާއި ޕާކިން ހިމެނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ވަޤުފު އިމާރާތުން ލިބޭ ނަފާ ޚަރަދުކުރާނީ ރާއްޖޭގެ އިސްލާމީ ކަންކަމަށެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި މިފަދަ ބޮޑު މިސްކިތެއް ބިނާކުރުމުގެ ތަޞައްވުރަކީ 20 އަހަރު ކުރިއްސުރެ އޮތް ތަޞައްވުރެއް ކަމަށާއި ކުރިން އެކަން ރޭވީ މިހާރު ސެންޓްރަލް ޕާކް އޮތް ސަރަޙައްދުގައި ކަމަށެވެ.

ނަމަވެސް އޭރު އެ ތަޞައްވުރު ޙާޞިލް ނުކުރެވުނު ކަމަށާއި މިފަހަރު މި މަޝްރޫޢު ފެށުނީ ރައީސް މުޢިއްޒު ދެއްވި ޚާއްޞަ އަހަންމިއްޔަތާއި އެޗްޑީސީގެ ބޮޑު ދައުރެއް ވެސް އޮވެގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި މަޝްރޫޢު ދެ އަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ އިރު ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި މީގެ 41 އަހަރު ކުރިން މާލޭގައި ބިނާކުރި އިސްލާމީ މަރުކަޒެވެ. އެ ތަނުގައި އެއްފަހަރާ ނަމާދުކުރެވެނީ 4500 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް