އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މިއަދު އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބެމުންދާތީ ރިޕޯޓު ކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުނެފި އެވެ.
އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދާ ކަމަށް ރިޕޯޓު ކުރަމުންދަނީ ފޭދޫއިންނެވެ.
އެ އޮތޯރިޓީން ބުނީ މިއަދު ރިޕޯޓު ކުރި ގެތަކުގެ ތެރެއިން ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި ފެންބޮޑުވެ ދިރިނޫޅެވޭވަރުވެފައިވާ އެއް ގޭގެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
މޫސުން ގޯސްވެ މިހާރުވެސް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް