ޒުވާން ހަތީބުންގެ މަހާސިންތާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިސްކިތުގައި ނަމާދުކުރާ ޖަމާއަތް ބޮޑުވާ މިންވަރަކުން އިމާމު މީހާ ކިޔެވުން ކުރުކުރަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޤުރުއާން ކިތަންމެ ރީތިކޮށް ކިޔެވި ނަމަވެސް ޖަމާއަތުގައި ހިމެނޭ މީހުންގެ ޢަދަދު އިތުރުވާ ވަރަކަށް ކިޔެވުން ލުއިކޮށްލުމަކީ ސުންނަތުން ސާބިތުވާ ގޮތެވެ.
ހޫނު ގަދަވުމާއި ވިއްސާރަވުން ފަދަ ޙާލަތްތަކުގައިވެސް ޖަމާއަތުގެ މީހުންގެ ފަސޭހައަށް އިމާމުން ވިސްނެވުން މުހިންމު ކަމުގައި ވިދާޅުވިއެވެ. ކޮންމެ މުސްލިމަކީ އިމާމުވެ ނަމާދުކުރެވޭ ފެންވަރަށް ތައްޔާރަށް ތިބި ބަޔަކަށް ވާންޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ބައެއް ފަހަރު ޝަކުވާކުރާ އަޑު އިވޭ މިވެނި މީހަކު ނަމާދުގައި ވަރަށް ދިގުކޮންނޭ ކިޔަވަނީ ނަމާދުގެ މަސްލަހަތަށް ވަަރަށްބޮޑަށް ވިސްނަން ޖެހޭނެ. ޖަމާއަތުގައި ތިބޭނެ ބަލި މީހުން ކޮއްޅަށް އެހާ ގިނައިރު ނުތިބެވޭ މީހުން ދަތުރުވެރިން އެކިއެކި އުޒުރުތަކުގެ އަހުލުވެރިން"
މިނިސްޓަރު ވިދާޅުވިއެވެ.
"ނަމާދަށް ޖަމާއަތަށް މި އަންނަނީ ލޯބިން ޖަމާއަތުގައި ބައިވެރިވުމުގެ ސަވާބު ހޯދުމަށްޓަކައި 27 ގުނަ ސަވާބު ހޯދުމަށް މި އަންނަނީ. ނަމާދުކޮށް ނިމިގެން އެ މީހާ ގެއަށް ދާއިރު މި އޮންނަނީ އެ މީހާ ވަަރަށް ބޮޑަށް ވަރުބަލިވެ ނޫނީ ގެއްލުން ވެފައި."
ވަޒީރު ވަނީ ޒުވާން ހަތީބުން މުޖުތަމަޢުގައި ނަމޫނާ ބައެއްގެ ގޮތުގައި ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ދިވެހީން ނުވަ ޤަރުނު ވަންދެން އިސްލާމީ އުންމަތުގެ ބައެއްގެ ގޮތުގައި ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ސާބިތުވެ ތިބުމުން ކަމަށާއި ހަތީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އެ ޝިޢާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ގުޅުވައިގެން މިއަދު ފެށި މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވެފައިވާ އިރު މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރު އައްދައުސަރީ ވެސް އެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް