ރާއްޖެ އިސްލާމްވީ ދުވަހު މައުމޫން ދީނަށް ވަފާތެރިވެ ތިބުމަށް ގޮވައިލައްވައިފި

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯ މެސެޖެއް ޢާންމުކުރައްވައި އިސްލާމްދީނުގެ މަތީގައި ޤައުމު ދެމެހެއްޓުމަށް އިލްތިމާ...

13 Sep 2026 | 12:15
ފޮޓޯ : ރައީސް އޮފީސް

ފޮޓޯ : ރައީސް އޮފީސް

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯ މެސެޖެއް ޢާންމުކުރައްވައި އިސްލާމްދީނުގެ މަތީގައި ޤައުމު ދެމެހެއްޓުމަށް އިލްތިމާސްކުރައްވައިފިއެވެ.

އެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ ނުވަ ޤަރުނު ފާއިތުވީ އިރު ދިމާވި ކޮންމެ ގޮންޖެހުމެއްގައި ވެސް ކާބަފައިން ދީން ނޫން އެހެން މަގެއް ޚިޔާރުނުކޮށް ސާބިތުވެ ތިބި ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އިސްލާމްދީނަށް ވަފާތެރި ތެދުވެރި ޤައުމެއްގެ ގޮތުގައި ދެމި އޮތުމަކީ އެ މަނިކުފާނުގެ ހެޔޮ އެދިވަޑައިގަތުން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކާބަފައިން ވޭތުވެ ދިޔަ 900 އަހަރު ވެސް އެ ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ދިވެހިރާއްޖެއަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް އެ ބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވާ އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަކަ ނުދެއްވާ" 
"އެ [އިސްލާމްދީން] ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެެއްސޭނެ"

އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތާއި ޤައުމީ ބިންގާ ކަމަށް ފާހަގަކުރައްވައި މައުމޫން ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުމާދުލް އާޚިރާ މަހުގެ ދެ ވަނަ ދުވަސް ފާހަގަކުރުން އެންމެ ފުރަތަމަ ފެށީ 1954 ވަނަ އަހަރުއެވެ.

ނަމަވެސް 1967 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް އެ ދުވަސް ފާހަގަކުރުން އޮތީ މެދުކެނޑިފައެވެ.

އެ ދުވަސް އަލުން ފާހަގަކުރަން ނިންމެވީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް