ސަޢޫދީ ޕައިޕްލައިނަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ޢިރާޤުގެ ފުލުހުންގެ ވެރިއަކު މަގާމުން ވަކިކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ހޮޅިއަކަށް ޢިރާޤުގެ ތެރެއިން ފޮނުވާލި ޑްރޯން ހަމަލާތަކާ ގުޅިގެން އިރާގުގެ ދެކުނު އިރުމަތީ މައިސާން ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާ މަޤާމުން ދުރުކޮށް އެ ޕްރޮވިންސުގެ ސެކިއުރިޓީ ...

13 Sep 2026 | 08:21
އިރާގުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ --

އިރާގުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ --

ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ހޮޅިއަކަށް ޢިރާޤުގެ ތެރެއިން ފޮނުވާލި ޑްރޯން ހަމަލާތަކާ ގުޅިގެން އިރާގުގެ ދެކުނު އިރުމަތީ މައިސާން ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާ މަޤާމުން ދުރުކޮށް އެ ޕްރޮވިންސުގެ ސެކިއުރިޓީ އިދާރާތަކުގެ ވެރީންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މި ތަހުގީގު ކުރީ އިރާގުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީގެ އަމުރުފުޅަށެވެ.

ޢިރާޤު ސިފައިންގެ ތަރުޖަމާނު ޞަބާޙް އައްނުޢުމާން ނެރުނު ބަޔާނުގައިވާ ގޮތުން ޤައުމުގެ ހަތިޔާރީ ބާރުތަކުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ބޮޑުވަޒީރު ވަނީ މައިސާން ޕްރޮވިންސުގެ ފުލުހުންގެ ވެރިޔާ ވަޒީފާއިން ވަކިކުރުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން އެ ޕްރޮވިންސުގެ ސެކިއުރިޓީ އިދާރާތަކުގެ ޑައިރެކްޓަރުން މަޤާމުތަކުން ދުރުކޮށް ތަޙުޤީޤަށް ހާޒިރުކުރުމަށް ވެސް ބޮޑުވަޒީރު އެންގެވިއެވެ.

މި ފިޔަވަޅުތައް އެޅީ ފަހަކަށް އައިސް އެ ޕްރޮވިންސުގައި ހިނގާފައިވާ ސެކިއުރިޓީ ނެގެހެއްޓުމުގެ ބައެއް ފޫނުބެއްދޭ ކަންތައްތަކުގެ ސަބަބުން ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ. ނަމަވެސް އެ ކަންތައްތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

މި ނިންމުންތައް އައީ ސަޢޫދީއަށް އަމާޒުކޮށް ދިން ހަމަލާތައް ފެށީ މައިސާން ޕްރޮވިންސުގެ ތެރެއިންކަން ކަށަވަރުވުމާ ގުޅިގެން އެ ޕްރޮވިންސުގެ އޮޕަރޭޝަންސް ކޮމާންޑުގެ ވެރިޔާ ވެސް ވަކިކޮށް ތަޙުޤީޤު ކޮމިޓީއެއް އެކުލަވައިލިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ސަޢޫދީ ޢަރަބިއްޔާއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި ޢިރާޤުން ފޮނުވާލި އެތައް ޑްރޯނެއް ރިޔާޛާއި މަދީނާ ސަރަޙައްދުގައި އޮންނަ އީސްޓް-ވެސްޓް ތެޔޮ ޕައިޕްލައިނަށް ހަމަލާދީ ބައެއް މީހުންނަށް އަނިޔާވެ މާއްދީ ގެއްލުން ލިބިފައިވެއެވެ. ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުނީ ޢިރާޤުގެ ފަސްގަނޑު ބޭނުންކޮށްގެން ސަޢޫދީއާއި އެ ސަރަޙައްދުގެ އެހެން ޤައުމުތަކަށް ހަމަލާ ދިޔަ ނުދިނުމަށް ޢިރާޤު ބޮޑުވަޒީރުގެ އެދުމުގެ މަތީން މި ވަގުތު ރައްދު ހަމަލާއެއް ނުދިނުމަށް ސަޢޫދީން ނިންމާފައިވާ ކަމަށެވެ.

ޢިރާޤުގެ ސަރުކާރުން އަދި ތަޙުޤީޤުގެ ނަތީޖާ ހާމަކޮށްފައެއް ނުވާ އިރު ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނުވަތަ އެ ފަރާތްތައް ނިސްބަތްވާ ޖަމާޢަތެއް ވެސް ބަޣުދާދުން ރަސްމީކޮށް ފާހަގަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް