ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަަލްސާ -- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހީންގެ ފަރުދީ އަދި ޤައުމީ ދިރިއުޅުމަށް އިސްލާމްދީނުން ގެނެސްދިން ރައްކާތެރިކަމުގެ ޙަޤީޤަތްތައް ދަރީންނާ ހަމައަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ހިދާޔަތުގެ ސަބަބުން ޝިރުކުގެ އަނދިރިކަމާއި ނަހަމަކަން ނެތިގެން ގޮސް އިންސާނީ ހަމަހަމަކަމާއި ފުރާނައިގެ ޙުރުމަތާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ކަށަވަރުވެގެން ދިޔަ ކަމަށެވެ.
ބުއްދި ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއް ކަމަށާއި އެ ނުރައްކާތަކުން ޤައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން ކަމަށެވެ. އުފެއްދުންތެރި ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތާރީޚީ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދެވެ. އެ ދުވަހު ދިވެހީން ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތިބުމުންނާއި ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދީނީ ކަންކަމަށް ހޭދަކުރުމާއި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް މިއަދު އުފެއްދެވިކަން ޢިއުލާނުކުރައްވައިފައެވެ. އެ ކުންފުންޏަކީ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް ސިފަކުރައްވައި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތުގައި އެ ކުންފުނި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އެއް އަހަރު ދުވަހަށް ބޭނުންކުރައްވާ ޚާއްޞަ ލޯގޯއާއި ޝިޢާރު ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވައިފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ބަވަނަވެފައިވާ ދުނިޔޭގެ ގޮންޖެހުންތަކުން ދުރުވެ އީމާންތެރިކަމުގެ ރޫޙު އާކުރުމަށާއި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އަބަދުމެ ދެމެހެއްޓެވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދައުލަތުގެ ވަޒީރުންނާއި މެންބަރުންނާއި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް