ނަމާދާއިމެދު މީސްތަކުން ޣާފިލުވެ، ޣާފިލުކަމުގެ ނިދީގައި

ސުރުޚީ ކިޔާލުމުންވެސް އީމާންކަމުގެ ހިތްތަކަށް ލިބިގެންދާނީ ސިހުމެކެވެ. އެހެނީ މިދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުންކަމަށް ދަޢުވާކުރަމުންދާ ބަޔަކު ދިރިއުޅެމުންދާ މިނިވަންޤައުމަކަށް ވާތީވެއެވެ....

13 Sep 2020 | 05:50

ސުރުޚީ ކިޔާލުމުންވެސް އީމާންކަމުގެ ހިތްތަކަށް ލިބިގެންދާނީ ސިހުމެކެވެ. އެހެނީ މިދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުންކަމަށް ދަޢުވާކުރަމުންދާ ބަޔަކު ދިރިއުޅެމުންދާ މިނިވަންޤައުމަކަށް ވާތީވެއެވެ. އެތައްސަތޭކަ އަހަރެއްކުރިން އިސްލާމްދީން ޤަބޫލުކޮށް އެދީނަށް ތަބަޢަވެގެންތިބި ބަޔަކު ދިރިއުޅެމުންދާ ބަޔަކު އުޅޭ ޤައުމަކަށް ވީތީވެއެވެ. އެގޮތުން އިސްލާމްދީންގައި އެންމެ އަހަމިއްޔަތުކަމެއް ދެވިފައިވާ، އަދި އިސްލާމްދީނުގެ ތަނބުކަމުގައި ބެލެވިފައިވާ ނަމާދާއިދޭތެރޭ މިހާބޮޑަށް ޣާފިލްވެފައިވަނީ ކީއްވެގެން ހެއްޔެވެ.

ނަމާދަކީ ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގޭގޮތުގައި ވަގުތު ކަނޑައެޅި މުސްލިމު އުންމަތައް ފަރުޟުކުރެވިފައިވާ މާތް އަޅުކަމެކެވެ. އެގޮތުން އެކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އައްނިސާއު ސޫރަތުގެ 103 ވަނަ އާޔަތުގައި އެކަލާނގެވަޙީކުރައްވާފައިވަނީ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿١٠٣﴾ މާނައީ: ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ”.

މިފަދައިން ﷲ ސުބުޙާނަހޫވަތަޢާލާ ވަޙީކުރައްވާފައިވާއިރު އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅައެއްބައި ކީއްކުރަން ތިންބައިކޮށްފަ އެއްބައިވެސް މިސްކިތުން ފެނިގެނެއްނުދެއެވެ. އެހެނަސް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ނަމާދާއި އަޅުގަނޑުމެންގެ އެތައްއެތައްކަމަކާއި ގުޅުވާލައިފައެވެ. މިކަންކަން އެނގޭނީވޭސް އެކަލާނގެމަތިން ހަނދުމަކޮށް އެކަންކަމާއިމެދު ފިކުރުކުރާ އަޅުންނަންކަން ކަށަވަރެވެ. ނަމާދާއި ކެއްތެރިކަމާއިވެސްވަނީ ގުޅުވާލައިފައެވެ. އަދިވެސް އެތައްއެތައްކަމަކާއެވެ.

ހިތްހަމަޖެހުމާއި އުފާވެރިކަންވެސް ލިބޭނީ ﷲ ގެ މަތިން ހަނދުމަކުރުމުންނެވެ. އެގޮތުން ﷲ ހަނދުމަކުރުމަށްޓަކައި ފަސްއިރު މިސްކިތްތަކުން ގޮވާލެވޭއިރު އަޅުގަނޑުމެންނަށް އިޖާބަނުދެވެނީ ކީއްވެހެއްޔެވެ. އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އާއެކެވެ. ޤުރުއާނުގެ މޫރިތި އާޔަތްތަކުން އަޅުގަނޑުމެންނަށް ފަހުޒަމާނުގައި ބަޔަކު އަންނާނެކަން އެނގެއެވެ. އެބައިމީހުންވާނީ ނަމާދާއިމެދު ޣާފިލްވެފައިކަންވެސް އެނގެއެވެ. އެކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫވަތަޢާލާ މަރްޔަމް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީކުރައްވާފައިއެވެ. “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ”.

އެތައްހާސްބަޔަކު މިކަމާއި ނުރުހުންވާން އުޅުނަސް މިއާޔަތުގައިމިވަނީ މިއަދުގެ ޙަޤީޤަތެވެ. މިސްކިތްތަކަށް ނަޟަރު ހިންގާލިކަމުގައިވިޔަސް ހާމަވެގެންދަނީ މިއާޔަތުގެ ތެދުޙަޤީޤަތެވެ. ދުވާލަކު 1 ނަމާދު ނުވަތަ 2 ނަމާދު ކުރުމަކީ ނަމާދުކުރުމެއް ނޫނެވެ. އަދި ކީއްތަ ނަމާދު ޤާއިމްކުރުމެއްވެސް ނޫނެވެ. އެއީ ކަންދެއްކުން ފިޔަވާ ދެންކޮންކަމެއްތޯއެވެ.

މާތްނަބިއްޔާ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކަށް ބަލާލިކަމުގައި ވިޔަސް ނަމާދު އެޅުމުގެ ނުރައްކާ އެނގިގެންދެއެވެ. ނަމާދު އަޅާއިފިމީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަން ހާމަވެގެންދެއެވެ. އަދި ނަމާދު އަޅާއިފިމީހާ ދީން މުގުރައިފިކަންވެސް ހާމަވެފާޅުފެންނަން އެބައޮތެވެ. މިކަންކަމާއިމެދު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އަޅާނުލާ ދޫކޮށްލަނީ ކީއްވެހެއްޔެވެ. ނުވިސްނެނީ ބާވައެވެ. ނުވަތަ ވިސްނަންބޭނުންނުވަނީ ބާވައެވެ.

ނަމާދު އެޅުމަކީ ކައްވަޅުގައިވެސް ޢަޛާބުލިބިގެންދާކަމެކެވެ. ކައްވަޅުގެ ޢަޛާބަކީ ޙައްޤުއެއްޗެކެވެ. އިންސާނާ މިދުނިޔެއިން ވަކިވެގެންގޮސް އެންމެ ފުރަތަމަވެސް ކަޑައްތުކުރަން ޖެހޭ މަރުޙަލާއަކީ އެއީއެވެ. ކުރާނެކަމެއްނެތެވެ. ގިނަބަޔަކުބުނަމުން ދަނީ އެމީހުން މަރުވީމާދެން އެހާހިސާބުން ނިމުނީކަމަށެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައިވާ ބަޔަކުގެ ވިސްނުމެވެ. ކޮންމެއަކަސް ވިސްނަންބޭނުންވާ ފަރާތްތައްވެސް ތިބޭނެކަން އުންމީދުކުރަމުން ﷲ ގެ ރަޙްމަތާއިއެކު ކުރިއަށް ދާނަމެވެ.

ދެންފަހެ ކަންދެއްކުމަށް ނަމާދުކުރާމީހުންނާއި ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ. “ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.” (ސޫރަތުލް މާޢޫން 5 އަދި 6) ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިއާޔަތުގައިވެސް އެވަނީ އެފަދަމީހުންނަށް ގެއްލުމާއި ހަލާކުހުރިކަން ބަޔާންކުރައްވާފައެވެ. ގެއްލުމާއި ހަލާކުހުރިކަން ބަޔާންކުރައްވާފައިވަނީ ނެތުމުގެ ތެރެއިން މިޢާލަމް އުފެއްދި ރައްބުލް ކާއިނާތު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ އެފަދަބަޔަކަށް ގެއްލުމާއި ޙަލާކު ދެއްވާއިރު ސަލާމަތްކުރަން އަންނާނީ ކާކުހެއްޔެވެ. ނުވަތަ ސަލާމަތްކުރާނީ ކާކުހެއްޔެވެ. އެކަލާނގެއީ ޢަޛާބުދެއްވުމުގައިވެސް ގަދަފަދަވަންތަ އިލާހެވެ.

ސުބުޙާނަﷲ، އަޅުގަނޑުމެންނަށް ވިސްނޭނީ ކޮންދުވަހަކުންހެއްޔެވެ. ނުވަތަ އަޅުގަނޑުމެން އިޞްލާހުވާން މިތިބެނީ ކޮންދުވަހެއް އަންނަންދެންހެއްޔެވެ. ކޮންމެއަކަސް ބަޔަކު މީހުން ރަމަޟާންމަސް އަންނާތީ އެމަހުގައި ނަމާދުކޮށްލާނީކަމަށް ހީކޮށް އެބަތިބެއެވެ. އެއީ ފަހެ އަޅެ ބޮޑަތިމޮޔައިންހެއްޔެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ކޮންމެ ނަފްސަކަށްވެސް އަޖަލުކަނޑައަޅުއްވާފައެވެ. ފަހެ، އެފަދަ މީހާއަށް އޭނާއަށް އެމަހާއި ބައްދަލުވެ އެމަހުގައި އަޅުކަން ކުރެވޭނޭކަމުގެ ޔަޤީންކަން އެބައޮތްހެއްޔެވެ. ނުވަތަ އެފަދަމީހުން ދެކެނީ ﷲ ސުބުޙާނަހޫވަތަޢާލާ ބައްލަވާވޮޑިގެންވަނީ ހަމައެކަނި ރަމަޟާންމަހުގައި ހެއްޔެވެ.

ދެންފަހެ، ނަމާދުގެމަތިވެރިކަމުން ނަބީބޭކަލުން އެބޭކަލުންގެ ދަރިކަލުންނަށްވެސް ނަމާދުޤާއިމްކުރުމަށް ވަޞިއްޔަތްކުރެއްވިކަން ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގިގެންދެއެވެ. ލުޤުމާނުގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތް ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ލުޤުމާނު ސޫރަތުގެ 17 ވަނަ އާޔަތުގައި މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. “އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.”

މިހެންގޮސް އެތައް ޞަފްޙާތަކެއް އަޅުގަނޑަށްވެސް ނަމާދާއިބެހޭގޮތުން ލިޔެވިދާނެއެވެ. އެހެނަސް މިވަރުން އަޅުގަނޑުމިފުއްދާލަނީ ތިޔައެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަމާދާއިމެދު ރައްކާތެރިވުމަށް ވަޞިއްޔަތްކުރަމުންނެވެ. ނަމާދާއި މެދު ފަރުވާކުޑަނުކުރުމަށް ނަޞޭޙަތްތެރިވަމުންނެވެ. ރައްބުލްކާއިނާތުއަށް ބިރުވެތިވުމަށް ގޮވާލަމުންނެވެ. އަޅުގަނޑު މިލިޔުން ނިންމާލާނީ އަދިވެސް އެއްކަމެއް ހަނދާންކޮށްލަދެމުންނެވެ. އެއީ ހުރިހާމީސްތަކުން މަޙުޝަރުގެ މައިދާނަށް އެއްކުރެވިފައިވާޙާލް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ޒާތުފުޅައިގެން މީސްތަކުންގެ ކުރިމައްޗަށް ތަޖައްލީވެވޮޑިގެންނަވާއިރު ގޮވާލެވޭ ފަރާތަކުން ﷲ ސުބުޙާނަހޫވަތަޢާލާއަށް ސަޖިދަކުރުމަށް ނިދާ އިއްވެވޭނެއެވެ. އެހާރުން ދުނިޔެމަތީގައި ނަމާދު ޤާއިމްކުރި މީސްތަކުން ސަޖިދައަށް ތިރިވާނެއެވެ. އެހެނަސް ދުނިޔެމަތީގައި ނަމާދަށް ފަރުވާކުޑަކުރި މީސްތަކުންނަކަށް އެދުވަހަކުން ސަޖިދައެއް ނުކުރެވޭއެވެ. ސުބުޙާނަﷲ….

ޔާ ﷲ އަޅުގަނޑުމެންނަކީ ނަމާދަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލައްވާންދޭވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރާ ބަޔަކު ކަމުގައި ލައްވާންދޭވެ. ނަމާދަށް ޣާފިލްވެފައިވާ މީސްތަކުން އެޣާފިލްކަމުން ފިއްލަވާންދޭވެ. އާމީން.

މަސްދަރު:އަލީޒިޔާދު ބްލޮގް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް