ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އެމީހާގެ ނަމަކީ އެމްޑީ ޝަފީޤުލް އިސްލާމެވެ. އަދި އާންމު ނަމަކީ "މާސްޓަރ" ކަމުގައި އިމިގްރޭޝަނުން ބުނެފައިވެއެއެވެ.
އިމިގްރޭޝަނުން އޭނާ އަތުލައިގަތީ ފުލުހުންނާއި ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މިއަދު އޭނާ ޑީޕޯޓް ކޮށްލާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަނާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވެފައިވަނީ މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހާއްސަ އޮޕަރޭޝަނެއް ކަމަށާއި މަގްސަދަކީ ގަވާއިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދާ އެ ސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާ އަކަށް ވާސިލުވުމަށް މަސައްކަތް ކުރުން ކަމުގައިވެސް ހަނަފީ ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު ޑީޕޯޓް ކުރެވުނު ބިދޭސީ ފަރާތަކީ ގިނަ ބިދޭސީންތަކެއް ގަވާއިދާ ހިލާފުވުމަށް މެދުވެރިވި ސަބަބު ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް