ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ، އަދި މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ވައިރަލް ވަމުން އަންނަ މި ފޮޓޯގެ ހަގީގަތް އެނގޭހެއްޔެވެ. މަންޒަރުގެ ފަހަތުގައިވާ ހިތްދަތި މަންޒަރު އެނގޭހެއްޔެވެ.
ފޮޓޯގައި އެ ވަނީ ކެންސަރު ޖެހިފައިވާ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށް، އޭނާގެ އެއްބަނޑު އެއްބަފާ، އުމުރުން ފަސް އަހަރުގެ ދައްތަ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަންޒަރެވެ. ބުރަކަށީގައި ފިރުމަދޭ މަންޒަރެވެ.
ލޭގެ ކެންސަރުގެ ބާވަތެއް ކަމުގައިވާ "Acute lymphoblastic leukaemia" ޖެހިފައިވާ އެ ފިރިހެން ކުއްޖާގެ ނަމަކީ ބެކެޓް އެވެ. މި ފޮޓޯއަކީ އެ ކުއްޖާގެ މަންމަ ކައިޓްލިން ބާރޖް، ބެކެޓް ކެންސަރާ ކުރާ ހަނގުރާމައިގެ ވާހަކަތައް ގެނެސްދިނުމަށް ހަދާފައިވާ ފޭސްބުކް ޕޭޖަށް ލާފައިވާ ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯއެކެވެ.
އެ ޕޯސްޓްގައި ބުނެފައިވާގޮތުގައި ބެކެޓްގެ ބެސްޓްފްރެންޑަކީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބެކެޓް ކެންސަރާ ހަނގުރާމަ ކުރަމުން އަންނައިރު ބެކެޓްގެ ކުޑަ ކުޑަ ދައްތައަށް ކުރާ އަސަރު ފެނި މަންމައަށްވެސް ވަރަށް އަސަރު ކުރާކަމަށް ބުނެފައިވެއެވެ.
ބެކެޓްގެ މަންމަ ބުނެފައިވާގޮތުގައި ކޮއްކޮއަށް ވީ ކީއްކަން އަދިވެސް އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖާއަށް ނޭނގޭ ކަމަށާއި އެހެންނަމަވެސް ކޮއްކޮއަށް އަންނަ ބަދަލުތައް ފެނި ކޮއްކޮ ވަރަށް ބަލި ކަން އެނގި އެކަމާ ވަރަށް ސުވާލު ކުރާކަމަށް ބުނެފައިވެއެވެ.
އެ ޕޯސްޓްގައި އިތުރަށް ބުނެފައިވާގޮތުގައި އެ ދެކުދިންނަކީ އެކުގައި ދުވެ ކުޅެން އުޅުނު ދެކުދިން ކަމަށާއި ނަމަވެސް ލޭގެ ކެންސަރަށް ފަރުވާ ދެމުން އަންނައިރު ބެޓެކަށް މިހާރު ރަނގަޅަށް ނުވެސް ހިނގޭ ކަމަށާއި އެކަންކަމާ އުމުރުން ފަސް އަހަރުގެ ކުއްޖާ ފިކުރުކޮށް ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް