ސުނާމީ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެހާދިސާގައި ގެއްލުންލިބުނު ރައްޔިތުންނަށް ދޫކުރި ލޯނުތައް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މައާފުކޮށްދޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ. އިބޫ ވިދާޅުވީ ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދިން ލޯނުތައް އަދާނުކުރެވި ލޯންތަކުގެ އިންޓްރަސްޓް އަރައި ލޯނުތައް ނުދެއްކޭ ހާލަތަށް ބައެއް މީހުން ގޮސްފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކަންކަން ކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ރައްޔިތުންގެ ބަސް ހޯދައިގެން ކަމަށެވެ. ރާއްޖެ ތަރައްގީ ކުރާނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ބާރުތައް ކައުންސިލްތަކަށް ދީގެން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސުނާމީ އާއި ގުޅިގެން ގެއްލުން ލިބުނު ގިނަ އާއިލާތަކަކަށް ގިނަ ލޯނުތަކެއް ދޫކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައި، އެ ދޫކުރެވިފައި ހުރި ހުރިހާ ލޯންތަކެއް މައާފުކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގައި އުފާވެރި މަންޒަރުތައް ފެންނަމުންދާ ކަމަށާއި ބަދަލަކަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ހަމަޖެހިލައިގެން އުޅެވޭނެ ހަމަޖެހޭ ދިރިއުޅުމެއް ލިބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް