ރައީސް އަބްދުﷲ ޔާމީންގެ އަސްލު އިންސާނީ ސޫރަ ދައްކާލާނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަސްލު ސޫރަ ދައްކާލުމަށް ބައެއް މީހުން އެދެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަސްލު އިންސާނީ ސޫރައަކީ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީއަށް ދަތުރު ކުރާ ރައީސްއަށް ވުން ކަމަށާއި އެ ސޫރަ އާއި އިންސާނީ ކުލުނު އަންނަނީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނަށް ކޮށްދެއްވިގެން ކަމަށެވެ.
"އަޅުގަނޑުގެ އަސްލު އިންސާނީ ސޫރައަކީ މިއަދު މިއީ ހަތަރު ލައްކަ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީގެ އައްސޭރި އަށް ދަތުރު ކުރާ ރައީސަކީމުއޭ. އިރާދަކުރެއްވީއާ މި 23 ވަނަ ދުވަހު ނަގާ ވޯޓު ކާމިޔާބުކޮށްފައި ނޫނީ އަޅުގަނޑުގެ އަސްލު ސޫރަ ރައްޔިތުންނަށް ނުފެންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ވެސް އިންސާނެއް ކަމަށާއި އަންބެއްގެ ފިރިއެއް، ދަރިންގެ ބައްޕައެއް އަދި ރައްޔިތުން ހަވާލުކުރާ މަސައްކަތް އަމާނާތްތެރިކަމާ އެކު ގެންދަވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ބަދަލުގައި ރައީސް ޔާމީންއަށް ވޯޓު ދެއްވަންވީ ރައްޔިތުންގެ އެ އުންމީދުތައް ފުއްދާ ދެއްވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް