ލ. ގަމުން ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ. ހުޅުވާލާފައިވަނީ 400 ގޯތީގެ ފުރުސަތެވެ.
މި ފުރުސަތު ހުޅުވާލައި، ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފޯމު 13 ސެޕްޓެމްބަރ 2018 އިން ފެށިގެން ލ. ގަމުގައި ޤާއިމްވެފައިވާ ޕަބްލިކް ވޯކްސް ސަރވިސަސް އިންނާއި މިމިނިސްޓްރީގެ ކައުންޓަރުތަކުގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓުން (http://www.housing.gov.mv) ލިބެން ހުންނާނެ ކަމަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުން. އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުމާއި ދިވެހިރާއްޖޭގެ ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން ހިމަނާފައި ވެއެވެ.
600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެ ކަމަށާއި އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށާއި އެއީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ ކެޓަގަރީ އާއި ހުރިހާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ ކަމުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނެފައިވަނީ ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ.
[contentcards url="http://www.gazette.gov.mv/iulaan/view/87778"]
އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިގޮތުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ލ. ގަމުން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 14 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ނުވަތަ ލ. ގަމުގައި ޤާއިމްވެފައިވާ ޕަބްލިކްވަރކްސް ސަރވިސަސް އަށް ހުށަހެޅުއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް