އެ ކިނބޫގެ އިހުސާސް – މީފުކެއް ބޮޑުވަރުގެ އަނިޔާ

ދިވެހި ލޮބުވެތި ރައްޔިތުންނަށް، މި ނިކަމެތި އަޅުގަނޑުގެ އުމުރު ހުސްކޮށްލީ ގައުމީ ޚިދުމަތުގައެވެ. އާއެކެވެ. ތިޔަ ރައްޔިތުންގެ ފަރާތުން އަޅުގަނޑުގެ ޅަ ދުވަހުގައި ލިބުނު އަޅާލުމާއި އިހްސާންތެރިކަމާއި އޯގ...

13 Sep 2018 | 10:00

ދިވެހި ލޮބުވެތި ރައްޔިތުންނަށް،

މި ނިކަމެތި އަޅުގަނޑުގެ އުމުރު ހުސްކޮށްލީ ގައުމީ ޚިދުމަތުގައެވެ. އާއެކެވެ. ތިޔަ ރައްޔިތުންގެ ފަރާތުން އަޅުގަނޑުގެ ޅަ ދުވަހުގައި ލިބުނު އަޅާލުމާއި އިހްސާންތެރިކަމާއި އޯގާތެރިކަމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. އެކަމަށްޓަކައި ސެލިއުޓް ކުރަމެވެ.  އަޅުގަނޑުގެ އުމުރު ހޭދަކުރީ ތިޔަ ލޮބުވެތި ރައްޔިތުންގެ ތުއްތު ކުދީންނަށް އުފާވެރި ވަގުތެއް ހޯދަ ދިނުމަށެވެ. ކިތައްމެ ވަރުބަލިވެފައި ހުރިނަމަވެސް އެ ކުދިންގެ ހެއްވާލުމަށް ބޯ ހިއްލާލަމެވެ. ނުވަތަ އަތްފައި ތަޅުވާލަމެވެ. އަޅުގަނޑުގެ މަގުސަދަކަށްވީ އެ ކުދިންނަށް އުފާވެރި ވަގުތެއް ހޯދާ ދިނުމާއި އެ ކުދިންގެ ހިތްތަކުގައި ދިރޭ ތަކެއްޗަށް ހުންނަ ކުލުނާއި ލޯބި އިތުރުކުރުމެވެ.

ހިތާމައިގެ ކޮޅެއް ނެތެވެ. އަޅުގަނޑު ދުނިޔެ ދޫކޮށް ދިޔައީ ވަރަށް ހިތާމަވެރި އަނިޔާވެރިގޮތަކަށެވެ. އެއްވެސް ކުށެއްނެތި އަޅުގަނޑު ދުނިޔޭން ނެތިކޮށްލަން ޒަހަރު ދިނެވެ. އެހެންނަމެވެސް މި ހަށިގަނޑު އެއަށް ކެތްކުރީމެވެ. ވޭނީ ނޭވާތައްލަމުން ހަށިގަނޑުގައި އަޅާ ވޭނަށް ކެތްކުރީ އަޅުގަނޑު އެ ޒަހަރު ދީގެން މަރުނުވުމުން ހިތްތަކަށް ރަހުމު ވަދެ، ވިސްނުން ބަދަލުވެދާނެ ކަމަށެވެ.

ފުރަމެންދަމެވެ. މުޅި ދުނިޔެއަށް އޮތީ އަދިރިކަން ވެރިވެފައެވެ. އަޅުގަނޑުގެ ގައިގައި ދަގަނޑު ދަލެއް އޮޅާލެވުނެވެ. އެ އެކަމާ ދެކޮޅު ހަދާނެ ހިތްވަރެއް ހަކަތައެއް މި ހަށިގަނޑުގައި ނެތެވެ. އެއް ލޯ ހުޅުވާލުމަށް ފަހު ވަރަށް އާދޭހާއި އެކު ބުނީމެވެ. ' ހެޔޮނުވާނެއެވެ. ނިކަމެތި އަޅުގަނޑަށް އޯގާތެރިވާށެވެ. އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހަކަތައެއް ގުރުބާންކުރީ ތި މީހުންނަށްޓަކައެވެ. އަހަންނަށް ހަމްދަރުދީ ވާށެވެ' އަޅުގަނޑުގެ އާދޭސް އަޑުއަހާނެ ކަންފަތެއް ނެތެވެ. ވަކިން އޮތް ރަށަކަށް އަޅުގަނޑު ގެންގޮއްސިއެވެ. އަދި އެއްމެ ނުލަފާ މީހުންމަރާ ކުށްވެރިން މަރާލާ ގޮތަށް، މިނިކަމެތި ބަލިކަށި އަޅުގަނޑު މަރާލިއެވެ. ފުރަތަމަ ވަޒަނުގެ އަޑާއި އެކު މި ހިތް ކުދިކުދި ވިއެވެ. ސިހުންލިބި ހީބިހި ނެގިއެވެ. އެ ސިހުމުގެ ފަޅި ސިކުންތު ފަހުން މި ހަށިގަނޑުގެ މައުސޫމު ލޭ އެއްމެ ލޯބިވާ ދިވެހި ބިމަށް ފޭބިއެވެ. ވަރަށް ރުއީމެވެ. ކަރުނަ ހުސްވަންދެން ރުއީމެވެ. ވަރަށް އާދޭސް ކުރީމެވެ. ފައިތިލާގައި ބޮސް ދިނީމެވެ. ރަހުމެއް ކުލުނެއް ހިތުގައި ހިނގާ އެއްވެސް މީހަކު މި ގައުމުގައި ނެތީބާއޭ ހިތަށްއެރީއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އަގުބޮޑު ފޯނެއް އަޅުގަނޑު އަތަކު ނެތެވެ. ފޯނެއްގެ ބޭނުމުގައި ބަންދުކޮށް އަނިޔާކުރަންވީ އެހެންނަމަތާއެވެ. ސިޔާސީ އުއްމީދެއް މި ހިތުގައި ނެތެވެ. ވެރިކަމަށް އައިސްދާނެތީ ނައްތާލަންވީ އެހެންނަމަތާއެވެ. ހިތަށް އެރިއެވެ. މަރާލުމަށްވުރެ އުމުރު ދުވަހު ޖަލުގަ ބޭއްވިނަމައެވެ. ކޮންމެވެސް ދުވަހަކުން ސަލާމަތްވެދާނެ ކަމުގެ އުއްމީދެއް އޭރުން އޮތީހެވެ. ބާރުވެރިންގެ ހިތުގައި އާއިލާ އާއި ޖަނަވާރުތަކަށް ރަހުމެއް ނެތަސް ކޮންމެވެސް ދުވަހަކުން އަޅުގަނޑު ދެކެލަން އައި، ޖަނަވާރުންވެސް ދެކެ ލޯބިވާ ތުއްތު ކުއްޖެއް ބޮޑުވެގެން ފަހަރެއްގައި ބާރުލިބި އަޅުގަނޑު ދޫކޮށްލަފާނެ ތާއެވެ. މީހުން ބުނެއެވެ. ތިމާގެ އަމިއްލަ ލެ އަށް ލޯބިނުކުރާ މީހަކު އެހެން ލެޔަކަށް ކުރާނީ ކޮން އިހުތިރާމެއް ހެއްޔެވެ. އަހަރެންގެ ހިތުގެ އުދާސްތައް އޮތީ ހަމައެކަނި މިއަޅާ މަރާލަށް އަމުރުކުރި މީހާ ނުވަތަ ބަޔަކަށް ނޫނެވެ. އެކަން ތަންފީޒު ކުރި މީހުންނަށް ވެސް މެއެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްޖަހާލީމައެވެ. ދުނިޔޭ އުފަލާ ޖާހަށްޓަކައި ރަހުމާއި ހަމްދަރުދީ ދޫކޮށްލީމެވެ. އެހެންނަމަވެސް އަޅުގަނޑުގެ ފަހު ނޭވާ މި ލޮބުވެތި ދިވެހި ގައުމަށް ދޫކޮށްލަމުން ބުނަމެވެ. ތި އެއްމެންނަށް ދީލަތި މަޢާފަކުން މަޢާފުކޮށްފީމެވެ. ތިބާ އަށް ރަހުމުކޮށް ހަމްދަރުދީ ވާން ނޭނގުނަސް ތިބާގެ ދަރިންނަށް އެކަން ދަސްކޮށްދޭށެވެ. އެއްމެ ލޯބިވާ ދިވެހި ވަތަނުން އަޅުގަނޑުގެ ހިދުމަތް ބަލާގަނެ އިހްތިރާމް އަދާކުރާނެ ބަޔަކު ކޮންމެވެސް ދުވަހަކުން އަންނާނެ ކަމަށް އުއްމީދު ކުރަމެވެ.

ގައުމަށް ކުޅަ ޙިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި

އައުކަމާއި ތާޒާކަމާ ފެހިކަން ނަމަށް ދާއިމުވެދާށި.

ޚާދިމްކުމް

ދިވެހި ރައްޔިތުން ދެކެ އިއްތިހާއަށް ލޯބިވާ ކިނބޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް