ބޭރުގެ ނޫސްވެރިންނަށް ހުރަހެއް ނާޅަން: އީސީ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ބޭނުންވާ ބޭރުގެ ނޫސް އެޖެންސީތަކަށް ފުރުސަތު ދީފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީސީން މިހެން ބުނެފައިވަނީ ބޭރުގެ ނ...

13 Sep 2018 | 07:17

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ބޭނުންވާ ބޭރުގެ ނޫސް އެޖެންސީތަކަށް ފުރުސަތު ދީފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން މިހެން ބުނެފައިވަނީ ބޭރުގެ ނޫސްވެރންނަށް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހުރަސްތަކެއް ކުރިމަތި ކުރުވަމުންދާ ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށް އިނގިރޭސިބަހުން ނެރުނު ނޫސްބަޔާނެއްގައި އެވެ.

އީސީން ބުނީ އިންތިހާބުގެ ގާނޫނާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އައިސް އިންތިހާބު ކަވަރު ކުރުމަށް ޝައުގުވެރިވާ ބޭރުގެ މީޑިއާތަކަށް މިދިޔަ ޖޫން މަހު 26 އިން ފެށިގެން އޮގަސްޓު 14 އާ ހަމަޔަށް ހުޅުވާލި ކަމަށެވެ. ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް އަދި އިމިގްރޭޝަންގެ ގައިޑްލައިންގެ ދަށުން އެ ފުރުސަތުގެ ބޭނުން ހިފުމަށް ތަކުރާރުކޮށް ބޭރުގެ މީޑިއާތަކުގައި އެދިފައިވާ ކަމަށް އީސީއިން ބުންޏެވެ.

އީސީގެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބު ކަވަރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި އެދުފައިވަނީ 37 ފަރާތަކުން ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަ ނުވެގެން 11 ފަރާތެއްގެ ފޯމު ބާތިލު ކުރި ކަމަށެވެ.

ފޯމު ބާތިލު ކުރީ ކަނޑައަޅާފައިވާ ވަރަށް ލިޔުންތައް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ފޯމުތައް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މުއްދަތު ހަމަވިފަހުން ފޮނުވި ފޯމުތައްވެސް އިސީން ވަނީ ބާތިލުކޮށްފައި އެވެ.

އިމިގްރޭޝަނުން ވަނީ އިންތިހާބު ކަވަރު ކުރުަމަށް އަންނަ ބޭރުގެ ނޫސްވެރިން ރާއްޖެ އެތެރެ ވެވޭނީ ބިޒްނަސް ވިސާގައި ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް