އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާޙިމް މުހައްމަދު ސޯލިހަކީ ކޮޕީކެޓެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ އިބޫ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ވައުދުތައް ކޮޕީކުރިޔަސް ފުކެއް ބޮޑުވަރު ކަމަށް ނިހާނު ވިދާޅުވެފައިވެ އެވެ.
ބިލެއްފަހީގައި އެއާޕޯޓު އެޅުމާއި ގުޅޭގޮތުން އިބޫ ވިދާޅުވީ، ބިލެއްފަހީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި ސަރުކާރުން ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށާއި އެ އެއާޕޯޓް އޭނާގެ ސަރުކާރެއްގައި ނިންމާނެ ކަމަށެވެ.
އެ ރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ މިދިޔަ ޖޫން މަހު ބިލެއްފައްސަށް ވަޑައިގެންނެވެ. ރައީސް ވިދާޅުވީ ބޭރުގެ ކުންފުންޏަކުން އެ ރަށު ފަޅު ތެރޭގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް