މަންމަގެ މޫނަށް ޒާރާ ބަލާލިއެވެ. ޒާރާގެ ހާލުވެސް މަންމަ އަހާނުލިއެވެ. އެއީ ކީއްވެ ހެއްޔެވެ.
''ބައްޕަ ކޮބާ....'' ޒާރާ އަށް އަހާލެވުނީ މުޅިން އެހެން ވާހަކައެކެވެ.
''ބައްޕަ އަރާމުކޮށްލަން ގޭގަ ބަހައްޓާފަ މަންމަ މި އައީ..... އެހެންނޫނަސް އިމްރާން މިހުރީނު.... މިހާރު މިއީ ދަރިފުޅުމެން ދެކުދިން ގިނައިން އެކުގައި އުޅެ އެކަކު އަނެކަކަށް ދަސްކުރުމުގެ ވަގުތު .... ކައިވެނި ކުރުމުގެ ކުރިން ދެކުދިންވެސް ވާނެ އެއްކުއްޖަކު އަނެއްކުއްޖެއްގެ މިޒާޖު ދަސްކުރަން.... އެހެންނޫނަސް މަންމަ އަށް އިމްރާން އާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް.... '' ނާޒިމާގެ ވާހަކަ ކުރުކޮށްލީ ވޯޑްތެރެއަށް ވަދެގެން އަންނަ ސަރީފާ ގެ ދެމަފިރިން ފެނުމުންނެވެ.
މަންމަ ގެ އަނގައިން ބޭރުވެގެން ދިޔަ ބަސްތައް ވެގެންދިޔައީ ޒާރާގެ ހަމަހިމޭން ދުނިޔެ ފުޑުފުޑުކޮށްލި ބަސްތަކަކަށެވެ. އޭނާގެ ކައިވެނި އިމްރާނާ ކުރަން ނިންމި ނިންމުން ވެގެން ދިޔައީ ޒާރާގެ ހިތް ކަފާ ކުދިކުދި ކޮށްލި ނިންމުމަކަށެވެ. ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. މޫނުމައްޗަށް އަނދިރި ވާހެން ހީވިއެވެ. ބާރަށް ރޮއިގަންނަން ޒާރާ ބޭނުންވިއެވެ. އެހެންނަމަވެސް ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނާދެއެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ.
ނާޒިމާގެ ބަސްތަކަކީ ޒާރާގެ ހަމަހިމޭން ދުނިޔެ ފުޑުފުޑުކޮށްލި ބާރުގަދަ ބޮމެއްފަދައެވެ. އެހެންނަމަވެސް އެ ބަސްތަކަކީ އިމްރާންގެ ހިތަށް ފިނިކަން ގެނެސްދިން ބަސްތަކެކެވެ. ވަށައިގެން ތިބި މީހުން ދައްކާ ވާހަކަތަކުން ޒާރާގެ ބޮލަށް އުނދަގޫ ވަމުން ދިޔައެވެ. ޒާރާ އާ އިމްރާންގެ ކައިވެނީގެ ވާހަކައެވެ.
ސަރީފާ އާއި އަލިބެގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އެންމެ އުފާވެފައި ހުރީ ނާޒިމާއެވެ. އޭނާ ފަހުރުވެރިކަމާއެކު ހިނިތުންވަނީއެވެ. އިމްރާން ގެ ނަޒަރު ހުއްޓިފައިވަނީ ޒާރާގެ މޫނަށެވެ. އިމްރާންގެ ހުވަފެންތަކާ ގުޅިފައިވާ އެ ނިޔަނެތި އަންހެންކުއްޖާގެ މޫނުން އެއްވެސް އުފާވެރިކަމެއް އިމްރާނަކަށް ނުފެނެއެވެ. ލޮލުގެ އެސްފިޔަތައް ތެމިފައިވާހެން އިމްރާންނަށް ހީވިއެވެ. އިސްޖަހާލައިގެން އެނދުމަތީގައި އިންއިރު އެ އެ އެ މޫނުގައި އެއްވެސް ރޫހެއް ނެތެވެ. ކީއްވެ ބާވައެވެ. ޒާރާ އިމްރާން އާ ގުޅެން ބޭނުން ނުވަނީ ބާވައެވެ. އެހެންނަމަވެސް ޒާރާގެ މަންމަގެ ފަރާތުން އިމްރާނަށް އެނގިފައިވަނީ ޒާރާ ނުހަނު ގަބޫލު ކަމުގައެވެ. ވީ އިރު ޒާރާ އެގޮތަށް އިންނަން ޖެހެނީ ކީއްވެބާވައެވެ. އެ މޫނުގައިވާ މާޔޫސް ކަމުގެ ސަބަބަކީ ކޮބާބާވައެވެ. ޒާރާގެ ބަލިހާލު ހުރިގޮތުން ބާވައެވެ. އިމްރާން ހިތްހަމަ ޖައްސާލީ އެގޮތަށް އެކަން އޭނާގެ ހިތަށް ވިސްނައިދީގެންނެވެ.
ހުކުރު ދުވަހެވެ. ހެނދުނު ދިހައެއް ޖެހީއެވެ. ތިން ދުވަހަށް ފަހު ޒާރާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. މަންމަ އާއެކު ގެއަށް ދާން ނިކުތްއިރު އިމްރާން އާއި ސަރީފާގެ އިތުރުން ޒާރާގެ ބައްޕަ ޒާރާގެ އިންތިޒާރުގައި ބޭރުގައި ތިއްބެވެ. އިމްރާނުގެ ކާރުގައި ޒާރާ އިން އިރު، އޭނާއެކޭ ފުރާނަނެތް މަސްގަނޑެކޭ ތަފާތެއް ނެތެވެ. ބުދެއްފަދައިން ފަހަތު ސީޓުގައި ޒާރާ އިނީ އިސްޖަހާލައިގެންނެވެ. ގާތުގައި ނާޒިމާ އިނީ ހެވިދިލިފައެވެ. ޑްރައިވަރު ސީޓުގައި އިން އިމްރާންގެ ނަޒަރު ޒާރާގެ މޫނުން ވަކިކޮށްލެވެނީ މަދުފަހަރެއްގައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން ޒާރާގެ މޫނު ސާފުކޮށް އިމްރާނަށް ފެނެއެވެ. އިމްރާންގެ އަގުބޮޑު ކާރު، ލ. ލިންކު ރޯޑުގެ ހިތްގައިމު ދިގު މަގުގައި ދަތުރުކުރަމުން ދުއްވަމުން ދިޔައީ ފަރިތަކަމާއެކުގައެވެ. އިމްރާންގެ އުންމީދަކީ ޒާރާ އޭނާގެ އަނބިމީހާގެ ގޮތުގައި އޭނާގެ ތާގުގައި އިނދެގެން، އެ ރީތި މަގުތަކުގައި ދަތުރު ކޮށްލާނެ ދުވެހެއް ފެނުމެވެ.
ގެއަށް ވަދެވުނުގޮތަށް ފުރަތަމަވެސް ޒާރާ ބެލީ ޒައިދު ކޮބާތޯއެވެ. ދޮރުގައި އެތައް ފަހަރަކު ޓަކި ޖެހިފަހުން ޒައިދު ދޮރު ހުޅުވިއެވެ.
''ދޮންތަ އައީތަ..... '' ޒާރާއެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ދެމިގަތެވެ. ޒާރާ މާ ގިނައިން ޒައިދުގެ ކޮޓަރިއަށް ވަދެ ނޫޅުނަސް، ކަންބޮޑުވެ ކަމަކާ ޑިސްކަސް ކޮއްލަން ބޭނުންވާ ކޮންމެ ފަހަރަކު ޒައިދުގެ އެހީތެރިކަން ޒާރާ ހޯދައެވެ. މިއީ ދެބެންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމުގެ ހެއްކެކެވެ. ޒާރާ އެގޮތަށް ޒައިދުގެ ގާތަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއް ޖެހިގެންކަން ޒައިދަށްވެސް އެނގެއެވެ.
''ކިހިނެތްވީ ދޮންތާ.... ޖައްސާލާ.....'' އެނދުމަތީގައި ހުރި ލެޕްޓޮޕާ، އަންނައުނުތައް އެއްފަރާތް ކޮށްލިއެވެ.
''ފޯނު ގަތިންތަ......'' ޒާރާ ބަލާލީ ޒައިދުގެ މޫނަށެވެ.
''ގަތިން...ކަޅުކުލައެއް ނުލިބުނު.. އެހެންވެގަތީ ރަތްކުލަ.... މިއަދު ދޫކޮށްލާ ވާހަކަބުނީމަ އެކޮޅަށް ނުގެންދިޔައީ.....'' ޒައިދު މޭޒު ވަތްގަނޑު ހުޅުވާލަމުން ކޮތަޅެއްނަގާ ޒާރާ އަށް ދިއްކޮށްލިއެވެ.
''ތޭންކްސް..ކޮބާ ސިމްކޮޅު..'' ޒާރާ ހުރީ ކެތްމަދުވެފައެވެ. ޒައިދު އެނދުގެ ސައިޑް ޓޭބަލް މަތި ބަލައިފިއެވެ. އޭނާ ބޭއްވިތާނގައި ސިމްކޮޅެއް ނެތެވެ. މޭޒު ވަތްގަނޑުތައް އެތައްފަހަރަކު ދެބެން ވެގެން ބަލައިފިއެވެ. ސިމްކާޑެއް ނުފެނުނެވެ. ޒައިދު އަލުން ސިމެއް ނަގަން ދާން އެތައްފަހަރަކު ބުނެފިއެވެ. ޒާރާ ބޭނުންވަނީ ހަމަ އެ ސިމްކާޑެވެ. ހަމަ އެނަމްބަރެވެ. އެއީ އާދިލްގެ ނަމުގައި އާދިލް ނަގާދީފައިވާ ސިމްކާޑެކެވެ. އެއީ ޒާރާއަށް ވަރަށް ހާއްސަ ސިމްކާޑެކެވެ. އާދިލް ފޯނާއެކު ދިން ސިމްކާޑެވެ. ލޯބީގެ ފުރަތަމަ ހަދިޔާއެވެ. ސިމްކާޑު ނުފެނުމުން އެންމެފަހުން ޒާރާ އެދުނީ ޒައިދުގެ ނަމުގައި ސިމްކާޑެއް ނަގައިދިނުމަށެވެ.
ފޯނަށް ސިމްލައްވާލުމަށްފަހު އޮންކޮށްލިއެވެ. ޒާރާގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ. އާދިލްގެ ހަބަރެއް ނުވާތާ ހަތަރުދުވަސް ފާއިތުވެގެން ދިޔައިރު ޒާރާ އަށް އިހުސާސް ކުރެވެނީ ހަތަރު މަސް ފާއިތުވެއްޖެ ކަމުގައެވެ.
އާދިލްގެ ނަމްބަރަށް ޒާރާ ގުޅާލީ އަވަސްވެފައިވާ ހިތަކައިގެންނެވެ. ފޯނު ކަންފަތުގައި ޖައްސާލިއެވެ. އާދިލްގެ ނަމްބަރުވަނީ ނިއްވާލާފައެވެ. ދެން އޮތް ނަމްބަރަށްވެސް ޒާރާ ގުޅިއެވެ. ތަކުރާރުކޮށް އެތަށްފަހަރަކު ގުޅިއެވެ. އެނަމްބަރުވެސް ވަނީ ނިއްވާލެވިފައެވެ. ޒާރާއަށް ރޮވިއްޖެއެވެ. ދަންނަ ރައްޓެހިންގެ ތެރެއިން އެތައް ބަޔަކަށް އޭނާ ގުޅިއެވެ. ހަމައެކަނި ލިބުނު މައުޅުމާތަކީ އާދިލްގެ ހާލުއިތުރަށް ގޯސްވެ ކޯމާއަކަށް ދިޔަކަމެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށްޓަކައި ހޮސްޕިޓަލުން އޭނާ ގެންދިޔަކަމެވެ.
އާދިލްގެ ހަނދާން އާކޮށް އޭނާއާ އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް ހަނދާކޮށް އެތައް އިރަކު ޒާރާ ރުޔެވެ.
ޒާރާ ހުއްޓިލައިގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. ބުރުގާ އަޅާނިމިގެން އަވަސް އަވަހަށް ގަޑިއަށް ބަލާލިއެވެ. ގަޑިޖެހެން ބައިގަޑިއިރަށް ވީއެވެ. ދަންވަރުގެ ހަމަހިމޭންކަން ދުނިޔެމަތީގައި ރަސްކަން ކުރަމުން ދަނީއެވެ. ރެއަކީ ވިއްސާރަ ރެއަކަށް ވުމުން ޒާރާވެސް ތަންކޮޅެއް އަވަހަށް ތައްޔާރުވެލީ ކުރަންޖެހޭ ދަތުރު ދިގުކަމުންނެވެ. ތައްޔާރުވެ ނިމިގެން ޒާރާ އަވަސްވެގަތީ ބައްޕަ އަށް ގޮވާށެވެ. ދޮރުގައި ޖަހާލުމާއެކު ދޮރު ހުޅުވާލީ ނާޒިމާއެވެ.
''ބައްޕަ އަށް ގޮވަން...'' ޒާރާ އިސްޖަހާލީ ނާޒިމާ ހިތްހަމަ ނުޖެހިފައި ހުރެދާނެތީއެވެ.
''މިރޭ މިހާ ވިއްސާރައިރު ކިހިނެތް ސައިކަލުގަ ދާނީ.... މަންމަ ގުޅައިފިން ސަރީފާއްތަ އަށް.... ބުނިން އިމްރާން ފޮނުވާށޭ ދަރިފުޅު ގޮވައިގެންދާން......'' ޒާރާގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ބުނާނެ އެއްޗެއް ޒާރާއަކަށް ނޭނގުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް