ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ ސެމީ ފައިނަލްގެ 2 މެޗް މިއަދު ހަވީރު ވަނީ ކުޅެފައެވެ. މިގޮތުން ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރީ އެފް.ސީ މެގަ ކަޅު އަދި އެންޖިއަންސެވެ.
ސަޕޯޓަރުންގެ ފޯރި ވަރަށް ގަދަވެގެންދިޔަ މި މެޗް ނިމުނީ 3-1 އިން އެފް.ސީ މެގަ ކަޅު މި މެޗް ކާމިޔާބުކޮށްގެނެވެ. އެންމެ ފާހަގަ ކުރެވުނު ކަމަކީ މި މެޗްގައި އެފް.ސީ މެގަ ކަޅުގެ 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާރޒީ ނަންބަރު 10 ލިޠޯފް އަޙްމަދު ފިރާޤްކަމެވެ. އެންޖިއަންސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާރޒީ ނަންބަރު 10 އަޙްސަން މުޙައްމަދެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އެފް.ސީ މެގަ ކަޅުގެ 3 ލަނޑު ކާމިޔާބުކޮށް މި މެޗްގައި ހެޓްރިކް ހެދި އެ ޓީމްގެ ޖާރޒީ ނަންބަރު 10 ލިޠޯފް އަޙްމަދު ފިރާޤެވެ.
ފުރަތަމަ މެޗަށްވުރެންވެސް ސެމީ ފައިނަލްގެ 2 ވަނަ މެޗް ވަކިން ފޯރިގަދައެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ވާދަކުރީ އެން.ޖީ ސްޕޯރޓްސް އަދި ކްލަބް ބްރޯކާސް އެވެ. އެން.ޖީ ސްޕޯރޓްސް މޮޅުވާން ދަނިކޮށް ފަހަތުން އަރައި ގޯލްތައް ކާމިޔާބުކޮށް ހިތްދަތިގޮތަކަށް އެޓީމް 3-2 އިން ބަލިކޮށް މި މެޗް ކާމިޔާބުކުރީ ކްލަބް ބްރޯކާސް އެވެ. ކްލަބް ބްރޯކާސް ގެ ލަނޑުތައް ކާމިޔާބުކުރީ އެޓީމްގެ ޖާރޒީ ނަންބަރު 9 މުޙައްމަދު އަރީޝް، ޖާރޒީ ނަންބަރު 4 އަޙްމަދު ޝަކީބް، ޖާރޒީ ނަންބަރު 22 އަޙްމަދު ނަސީމެވެ. އެން.ޖީ ސްޕޯރޓްގެ ގޯލްތައް ކާމިޔާބުކުރީ އެޓީމްގެ ޖާރޒީ ނަންބަރު 19 އިބްރާހީމް ޝަރީފް އަދި ޖާރޒީ ނަންބަރު 17 އަޙްމަދު ނިޝާނެވެ. އެން.ޖީ ސްޕޯރޓްސް އަކީ ފާއިތުވި އަހަރުގެ ޗެމްޕިއަން ޓީމެވެ. މި މެޗް އެހާ ވާދަވެރި މެޗަކަށް ވީ މައިގަނޑު ސަބަބަކީ މިއީކަމަށް ޤަބޫލުކުރެވެއެވެ.
އެފް.ސީ މެގަ ކަޅު އަދި ކްލަބް ބްރޯކާސް ވާދަކުރާ ފޯރިގަދަ ފައިނަލް މެޗް ކުޅެވޭނީ މާދަމާ ހަވީރު އެވެ.
މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ 'ދުވަސް' އޮންލައިނެވެ. ޗެމްޕިއަން ޓީމަށް 20,000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މި އަހަރުގެ މުބާރާތަށް ގިނަ ފަރާތްތަކުންވަނީ ސްޕޮންސަރ ކޮށްފައެވެ. މިގޮތުން މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ؛ އެލް.އޭ ރިޒޯޓްސް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)، ހުޅުމާލެ ސޯމިލްސް، އޭބީސީ ކޮންސްޓްރަކްޝަން، ވައިޓް މާކަނާ ލޮޖް (ކެޔޮދޫ)، ޖުޕިޓަރ ސަންރައިސް ލޮޖް (ކެޔޮދޫ)، ދިލްޝާދު މާރޓް (ކެޔޮދޫ)، ތިން ފައްދަނޑި ކެފޭ (ކެޔޮދޫ) އެވެ. މި އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް 13 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މުބާރާތް ފެށުމުން ކޮންމެ ދުވަހަކުވެސް ‘ދުވަސް’ މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ. ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މުބާރާތުގެ ފޮޓޯއާއި މައުލޫމާތު އަޕްލޯޑްކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް