ނޭޝަނަލް ކޮންފަރެންސް އޮން ޕްރޮމޯޓިންގ ޑައިލޮގް އެންޑް ކްރިއޭޓިންގ އަ ޕީސްފުލް އެންޑް ޓޮލެރެންޓް ކޮމިޔުނިޓީގެ ނަމުގައި ފެށި މި ކޮންފަރެންސްގެ މައިގަޑު މަޤްޞަދަކީ ނުރައްކާތެރި ހައްދުފަހަނަ އެޅުން ހުއްޓުވުމަށް ޓަކައި ޤައުމީ ލެވެލްގެ އެކްޝަން ޕްލޭން އެކުލަވާލުމަށް މަސައްކަތް ކުރުމެވެ. މިކޮންފަރެންސްއަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގައި ހިމެނޭ ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއާއި ކައުންޓަރ ޓެރަރިޒަމް ސްޓިއަރިން ކޮމިޓީގައި ހިމެނޭ މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކާއި ޒުވާނުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ކުންފުނިތައް ބައިވެރިކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.
މިކޮންފަރެންސް ފައްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް އާދަމް ޝަރީފް އުމަރުއެވެ. މިރަސްމިއްޔާތުގައި ޔޫއެން. ރެސިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޝޯކޯ ނޮޑާ އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވާހަކަފުޅު ދައްކަވާފައިވެއެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް އާދަމް ޝަރީފް އުމަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ވަރަށް ޚާއްސަ ސިފަތަކެއް ލިބިފައިވާ އެއްބައިވަންތަ ޞުލްޙަވެރި ޤައުމެއްކަމާއި، އެކަން ދެމެހެއްޓުމާއި ނިރުބަވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކާއި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
މިކޮންފަރެންސްގައި ސެޝަންތައް ނަގައިދެއްވާ ފަރާތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކްސްޕާރޓުންނާއި ޔޫ.އެން.ޑީ.ޕީ އަދި އިސްލާމިކް ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަދި ރަފީ ޖަމިއްޔާ ހިމެނެއެވެ.
މި ކޮންފަރެންސް ގައި ޔޫއެން ރިޒޮލިއުޝަން ތަކާއި މެމްބަރު ގައުމުތަކުން ތަބާވާން ޖެހޭ އުސޫލް ތަކާއި ބެހޭ ގޮތުން ފުރަތަމަ ސެޝަން ނަންގަވައިދެއްވީ ޔޫ އެން ޑީ ޕީ ގެ ފަރާތުން އައިޝަތު ރިޒްނާ އާއި ޝަމްހާ ނަސީރު އަދި ނަބީހް އާސިމް އެވެ.
ދެވަނަ ސެޝަން ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންތަރ ޓެރަރިޒަމް ޑިޕާރޓްމަންޓާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ރާއްޖޭގެ ހާލަތާއި އެހާލަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާއިބެހޭގޮތުން މޭޖަރ އިބްރާހިމްނައީމްއާއި ޗީފް އިންސްޕެކްޓރ އަހްމަދު އަލީ ކޮންފަރެންސްގެ ބައިވެރިންނަށް މައުލޫމާތު ދެއްވިއެވެ.
ތިންވަނަ ސެޝަންގައި ސުލްހަވެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި ތައުލީމުގެ ދައުރާ ބެހޭގޮތުން މައުލޫމާތު ދެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ޑރ. ޝަހުނީޒާ ނަސީރެވެ. ދީނީ ތައުލިމާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ޝެއިހް އިބްރާހިމް އަހްމަދެވެ. އަދި ޒުވާނުން ބާރުވެރި ކުރުމާއިބެހޭގޮތުން މައުލޫމާތު ފޯރުކޮއްދެއްވީ ރަފީ ޖަމްއިއްޔާގެ ފަރާރުން ޑރ. އައިޝަތު ރަފިއްޔާ އެވެ.
މިކޮންފަރެންސްގައި ކައުންޓާރ ރެޑިކަލައިޒޭޝަން އާޢި ރީހެބިލިޓޭޝަން އައި ރީއިންޓިގްރޭޝަން އަދި ސިންގަޕޫގައި ހިންގާ ރިލިޖަސް ރީހެބިލިޓޭޝަން ގްރޫޕްގެ ތަޖުރިބާއާއި ބެހޭގޮތުން ލެކްޗަރކުރައްވާފައިވަނީ ސިންގަޕޫރުގެ މަޝްހޫރު ރާޖަރަތްނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަރޑީ އަދި ރިލިޖަސް ރީހެބިލިޓޭޝަން ގްރޫޕްގެ ވައިސް ޗެއަރމަން ޑރ. މުޙައްމަދު ބިން އަލީ ހިމެނެއެވެ. އަދި ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުވުމުގައި އަންހެނުންގެ ދައުރާއި ބެހޭ ގޮތުން ތަޤްރީރުކުރައްވާފައިވަނީ އޭޝިއަން މުސްލިމް އެކްޝަން ނެޓްވާރކްގެ އިންޑޮނީޝިއާގެ ރެސިޑެންޓް ކޯޑިނޭޓަރ މިސް ރޫބީ ޚަލީފާއެވެ. ކޮންފަރެންސްގައި ބައިވެރިވާ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އެކްޝަން ޕްލޭންގައި ހިމަނާނެ ޙަރަކާތްތައް ދެނެގަތުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މިކޮންފަރެންސްއަކީ އޮގަސްޓް މަހުގެ 13 އިން 14 އަށް ދެދުވަހުގެ މުއްދަތަށް ހިންގާ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި 33 މުއައްސަސާއަކުން 63 މީހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް