ކެންޑިޑޭޓުންނަށް ޓީވީ ތަކުން ވަގުތު ދޭންޖެހޭ އުސޫލު ހާމަކޮށްފި

އިންތިހާބެއްގެ ދުވަސްވަރުގައި ކެންޑިޑޭޓުންނާއި ޕާޓީތަކަށް ބްރޯޑްކާސްޓަރުން އެއާޓައިމް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކާއި ފިޔަވަޅު އެޅުމާއި، ހަމަތަކާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވ...

13 Aug 2018 | 11:15

އިންތިހާބެއްގެ ދުވަސްވަރުގައި ކެންޑިޑޭޓުންނާއި ޕާޓީތަކަށް ބްރޯޑްކާސްޓަރުން އެއާޓައިމް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކާއި ފިޔަވަޅު އެޅުމާއި، ހަމަތަކާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އުސޫލު، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން  އާންމުކޮށްފިއެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ މިއުސޫލުގައި ބުނަނީ އިންތިޚާބެއްގެ ދުވަސްވަރު، އެއިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި ،އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ޚާއްސަކޮށްގެން އެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ތާޢީދުހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ދައްކަންވާނީ އެއުސޫލުގެ މަތިން ކަމުގައެވެ.

މިގޮތުން އެއިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި ،އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ޚާއްސަކޮށްގެން އެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ތާޢީދުހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ނުވަތަ އެނޫންވެސް ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމަށް އެ ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިޔުލްގައި ޚާއްސަކޮށްފައިވާ ވަގުތު ވިޔަފާރީގެ އުސޫލުން ނުވަތަ ހިލޭވެސް ދެވިދާނެކަމުގައި މި އުސޫލުގައި ބުނެއެވެ. އެކަމަކު އެއް ކެންޑިޑޭޓަކަށް ވިއްކާ ނުވަތަ ދޭ ވަގުތަށް ވުރެ އިތުރަށް އަނެއް ކެންޑިޑޭޓަކަށް ނުވަތަ އަނެއް ކެންޑިޑޭޓުގެ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ވަގުތު ވިއްކާ ނަމަ ވިއްކަން ޖެހޭނީ ވެސް ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޕާޓީތަކަށް އެއް އަގެއްގައި ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެގޮތުން ވިއްކާ އަގުތަކާއި އެކަމަށް ޚާއްސަ ކުރާނެ ވަގުތުތައް ބްރޯޑްކާސްޓަރުން އާންމުކުރަން ޖެހޭނެ އެވެ.

މި އުސޫލުގެ ދަށުން ކެންޑިޑޭޓުންނަށް ވަގުތު ދޭން ޚާއްސަ ކުރެވޭނީ ރޭގަނޑު 9 އިން ފެށިގެން މެންދަމު 12 އާ ދެމެދުގެ ވަގުތުތަކަށެވެ. އެހެންނަމަވެސް މިވަގުތުތަކުގެ އިތުރުން އެހެން ވަގުތުތައް ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު ދެވިދާނެއެވެ. މިގޮތަށް ވަގުތު ޚާއްސަކުރާއިރު ޚާއްސަ ކުރާ ކޮންމެ ފަރާތަކަށް ކޮންމެ ފަހަރަކު މަދުވެގެން 30 މިނެޓްގެ ވަގުތެއް ދޭންޖެހޭނެއެވެ.

ކެންޑިޑޭޓުންނަށް ވަގުތު ވިއްކާ އަގުތަކާއި ވަގުތުތައް އެނގޭ ގޮތަށް، އެ މައުލޫމާތު ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން ފޮނުވަން ޖެހޭނެކަމަށް މިއުސޫލު ބުނާއިރު އެމައުލޫމާތު ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވަން ޖެހެނީ އިލެކްޝަން ކޮމިޝަނުން އިންތިޚާބުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުން އިއުލާންކުރާތާ 48 ގަޑީރުގެ ތެރޭގައެވެ. މީގެއިތުރުން ކެންޑިޑޭޓުންނާއި ޕާޓީތަކަށް ވަގުތު ދެމުން އައި ގޮތުގެ ރިޕޯޓެއް ހެދުމަށް ފަހު ކޮންމެ ހަފުތާއަކު އެ ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރުން، އިންތިޚާބުގެ ކެމްޕެއިން އެއްކޮށް ނިމުމާ އެކު އޭގެ ފުރިހަމަ ރިޕޯޓެއް ވެސް ކޮމިޝަނަށް ފޮނުވަން ޖެހޭނެކަމަށް މިއުސޫލުގައި ބަޔާންވެގެން ވެއެވެ.

މި އުސޫލާ ޚިލާފްވެއްޖެ ނަމަ، އެންމެ ފުރަތަމަ އެކަމެއް ރަނގަޅު ކުރަން ބްރޯޑްކާސްޓަރުންނަށް އަންގާނެއެވެ.  ދެވަނަ ފަހަރަށް އިންޒާރު ދޭއިރު، ތިން ވަނަ ފަހަރު ނަމަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާ ވަގުތެއްގައި އެކަމެއް އިސްލާހުކޮށް ބަޔާނެއް އާންމު ކުރުމަށް ބްރޯޑްކާސްޓަރަށް އެންގޭނެކަމަށް މއިސޫލުގައި ބަޔާން ވެގެންވެއެވެ.  އަދި ތަކުރާރުކޮށް، އެ އުސޫލާ ޚިލާފްވަމުންދާ ނަމަ، އެ ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ އެއިން ބައެއް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ.

ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ ޕާޓީތަކަށް ވިއްކާ ނުވަތަ ދޭ ވަގުތުތަކުގައި ގެނެސްދޭ ކޮންޓެންޓްތަކަށް ޒިންމާވާން ޖެހޭނީ ބްރޯޑްކާސްޓަރުންނެވެ. އެފަދަ ކޮންޓެންޓެއްގައި ބްރޯޑްކާސްޓިން ގާނޫނާ ޚިލާފް ނުވަތަ އެހެން ވެސް ގާނޫނަކާ ޚިލާފް އެއްވެސް ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ މައްސަލައެއް ބަލައި، ބްރޯޑްކާސްޓަރާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް