ސިވިލް ސަރވިސްގައި ތިބި މުވައްޒަފުންގެ ތެރެއިން 65 އަހަރުވެގެން ރިޓަޔަރ ކުރަން ބޭނުންވާ ފަރާތްކަކަށް އެކަމުގެ އިޚުތިޔާރު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ތ.ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިވިލް ސަރވިސްގައި އުޅޭ މުވައްޒަފުންނަށް 74 އަހަރުވަންދެން ވަޒީފާގައި އުޅޭކަށް މަޖުބޫރު ނޫންކަމުގައެވެ. އެބޭފުޅުންނަށް ލިބިގެންދާ އިނާޔަތްކެނޑިގެން ނުދާނެކަމަށާއި އެބޭފުޅުންނަށް ލިބިގެންދާ އިނާޔަތް ލިބިފައި، އެބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް އަންނަން ބޭނުންފުޅުވާ ފަރާތްތަކަށް އެއަށް ވުރެ ބޮޑުއެއްޗެއް ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
" މިއިޚުތިޔާރު ކުރަން ބޭނުންފުޅުވާ ޓީޗަރުން އެބައުޅޭ، ނަރުހުން އެބައުޅޭ، ޑޮކްޓަރުން އެބައުޅޭ. ޑޮކްޓަރުންވެސް އަޅުގަނޑު ޤަބޫލެއްނުކުރަން 65 އަހަރު ވުމާއެކީ އެމީހުން ގެޔަށް ދާން ޖެހޭނެކަމަކަށް. އެމީހުނަށް ޚިދުމަތް ނުދެވޭނެކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެކަމަކު މިއަދު ޤާނޫނު ނިޔާކުރާތީ އެމީހުންގެ ހާލަތު އެބަނިޔާކުރޭ ގެއަށް ދާން. އޭގެ އެތައް ބޭފުޅުންނެއް ކޮންޓްރެކްޓަށް ނަގައިގެން މިހާރުވެސް އަޅުގަނޑު މަސައްކަތްއެބަކުރަން. އެބޭފުޅުންގެ މިސާލު އަޅުގަނޑު ޤާނޫނަށް ގެންނަން މިއުޅެނީ. " ރައީސް ޔާމީން ވިދާޅުވިއެވެ.
65 އަހަރުން މަތީގެ ކޮންމެ މީހަކަށް 74 އަހަރު ވަންދެން މަސައްކަތްކުރަން މަޖުބޫރު ނޫންކަމަށާއި އެއީ އިޚުތިޔާރެއްކަމަށާއި، އެ އިޚުތިޔާރު ބޭނުންކުރައްވާ ފަރާތްތަކަށް ސިވިލް ސަރވިސް އިން މިހާރު ރިޓަޔަރ ކުރެއްވީމާ ލިބިވަޑައިގެންނަވާ އިނާޔަތަށްވުރެ ބޮޑު އިނާޔަތެއް ،އުޖޫރައެއް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ރައީސް ޔާމީން މީގެކުރިން ވަނީ ރިޓަޔަރ ކުރާ އުމުރު 74 ނުވަތަ 75 އަހަރަށް މަތި ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް