ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޖަލުގައި ބަންދުކޮށްފަ ހުންނަތާ މިހާރު ހަ މަސް ދުވަސް ވަނީ ވެފައެވެ. ޝައްކެތް ނެތް ގޮތުގައި މިކަމާ އެއްމެ ހިތާމަކުރައްވާނެ އެއް ބޭފުޅަކީ އަނބިކަބަލުން އާމިނަތު މާޝާ އެވެ. މިކާމާ ގުޅޭ ގޮތުން 'ދުވަސް' ނޫހާއި ވާހަކަ ދައްކަމުން މާޝާ ވިދާޅުވީ " ލޯބިވާ ފިރިމީހާ އެއްވެސް ކުށަކާނުލާ ނުހައްގުން ޖަލުގެ އަނިޔާވެރިކަމުގަ ހަ މަސް ދުވަސް ފާއިތުވެގެން ދިއުމަކީ ކިތައްމެ ކެތްތެރި ހިތްވަރުގަދަ އަންބަކަށް ވިޔަސް ކެތްވާވަރުގެ ކަމެއް ނޫން" ކަމަށެވެ. ހަތަރު ކުދިން ގޮވައިގެން އެ ކުދިން، އެ ކުދިންގެ ބައްޕަ އާއި ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަކީ އެއްވެސް މަންމައެއްގެ ހިތައް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ވޭނާ ހިތާމަ އިހްސާސްކޮށްލަންވެސް ނޭނގޭނެ ކަމަށާއި އެނގޭނީ ހަމަ އެފަދަ ކަމެއް ދިމާވުމުން ކަމަށް މާޝާ ވިދާޅުވިއެވެ.
މާޝާ ވިދާޅުވީ އިލްހާމް އަކީ ސިޔާސީ ގޮތުން ކޮންމެކަމަކާ ކުރިމަތިލާންޖެހުނަސް ފަސްނުޖެހި ކުރިއަށް ދިއުމުގެ ހިތްވަރާއި އަޒުމު ހުރި ސިޔާސީ ލީޑަރެއްކަމާއި މެދު އެއްވެސް މީހަކު ޝައްކު ނުކުރާނެ ކަމަށެވެ. އެ ހިތް ވަރު އަދިވެސް އިލްހާމްގައިގައި އެބަހުރިކަމަށާއި އެހެންނަމަވެސް ދަރިން ނުފެނި އަދި ދަރިންނަށް ބައްޕައަކު ދޭންޖެހޭ ލޯބިން އެ ކުދިން މަހުރޫމުވެގެން ދިއުމަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ ބައްޕައަކަށް ހިތައް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ.
" ދަރިން ބައްޕަ އާއި ބައްދަލުކުރަން ޖަލަށް ގެންގޮސްފިނަމަ، ބައްޕަ ޖަލުގައި ހުންނަންޖެހުނީ ކީއްވެތޯ އަޅުގަނޑާއި ސުވާލުކުރާނެކަން ޔަގީން. އަޅުގަނޑު ބޭނުމެއް ނުވޭ ކުށެއްނެތި އަނިޔާދެނީޔޭ ބުނެ، އެއްވެސް މީހަކާ ދޭތެރޭ ކުޑަ ކުޑަ ކުދިންގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭ ނަފުރަތު އުފައްދާކަށް" މާޝާ ވިދާޅުވިއެވެ.
އެ ކުދިންނަށް ގެއްލިގެން މިދާ ހައްގުތައް ދުވަހަކުވެސް ލިބޭނެތޯ މާޝާ ވަނީ ސުވާލުކުރައްވާފައެވެ.
މި ހުރިހާ ހިތާމައާއި ހިތްދަތިކަމުގައި އުޅެން ޖެހުނަސް، އިލްހާމު ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާން އިތުރު ހިތްވަރެއް ލިބޭ ދުވަހެއް" މާޝާ ވިދާޅުވިއެވެ.
މާޝާ ވިދާޅުވީ އިލްހާމްގެ ހިތްވަރާއި ކެތްތެރިކަމަށް ފަޚުރުވެރިވާކަމަށެވެ.
އިލްހާމް ޖަލުގައި ހަ މަސް ދުވަސް ވީއިރު އަދިވެސް ކޯޓް ހުކުމެއް ނާދެއެވެ.
" ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވަނީ ﷲ. އިންޝާﷲ ވަރަށް އަވަހަށް ހައްގަށް ނަސްރު ލިބޭނެ" މާޝާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް