ސްޕެނިޝް ސުޕަރ ކަޕްގެ ތައްޓާއެކު މެސީއަށް އާ ރެކޯޑެއް

ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސުޕަރ ކަޕްގައި 2-1 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ތަށި އުފުލާލިއިރު، އެ ޓީމުގެ ތަރި ލިއޮނަލް މެސީ އާ ރެކޯޑެއް ގާއިމްކޮށްފިއެވެ. ރޭގެ ތަށ...

13 Aug 2018 | 03:53

ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސުޕަރ ކަޕްގައި 2-1 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ތަށި އުފުލާލިއިރު، އެ ޓީމުގެ ތަރި ލިއޮނަލް މެސީ އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.

ރޭގެ ތަށްޓާއެކު މެސީއަށް މި ވަނީ ބާސެލޯނާއާއެކު 33 ތަށި ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން، މި ވަގުތު ބާސެލޯނާގައި ހުރި އެންމެ ކާމިޔާބު ކުޅުންތެރިޔާއަކީ ލިއޮނަލް މެސީއެވެ.

ސްޕެނިޝް ސުޕަރ ކަޕް މެޗު ރޭގައި ކުޅުނީ މޮރޮކޯގައެވެ. މިއީ ތާރީޚްގައި ވެސް ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ މެޗު ގައުމުން ބޭރުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕަށް ފަހު މުހިންމު ގިނަ ކުޅުންތެރިންތަކެއް ދިގު ޗުއްޓީއެއް ހޭދަކުރުމުން، ބާސެލޯނާގެ ފަރާތުން ރޭގެ މެޗު ފެށިގެން ކުރީކޮޅު އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައެވެ. ނަތީޖާއެއްގެ ގޮތުން 9 ވަނަ މިނިޓުގައި ޕަބްލޯ ސަރަބިއާ ކާމިޔާބު ކޮށްދިން ލަނޑާއެކު ސެވިއްޔާއިން ލީޑު ނެގިއެވެ. އޮފްސައިޑްކަމަށް ބަލާ އެންމެ ފުރަތަމަ މިއީ ލަނޑެއް ނޫންކަމަށް ނިންމި ނަމަވެސް ވީއޭއާރ ރިވިޔުއަށް ފަހު ނިންމީ ޕަބްލޯ އޮފްސައިޑް ނޫން ކަމަށެވެ. މިއީ ސްޕެނިޝް ސުޕަރ ކަޕްގައި ވީއޭއާރ ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދި ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައިވާ ޖެރާޑް ޕީކޭއެވެ. ލިއޮނަލް މެސީ ޖެހި ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ނުކުތުމުން ޕީކޭ ވަނީ ރިބައުންސް ބޯޅައަށް އަރާ އެއްބުރުން ގޯލަށް ފޮނުވާލާފައެވެ.

މެޗުގެ ފަހު ވަގުތާ ހަމައަށް ހިއްވަރު ކުރަމުން އައި ސެވިއްޔާގެ މައްޗަށް  ބާސެލޯނާއަށް ކުރި ލިބުނީ އޯސްމާން ޑެމްބެލޭ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ.

ބާސެލޯނާއިން ލީޑު ނެގުމަށްފަހު ވެސް ނަތީޖާ ހަމަހަމަކޮށްލަން ސެވިއްޔާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ގޯލްކީޕަރ ޓާ ސްޓެގަން ކުރި ފައުލްއަކަށް ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ވިސާމް ބެން ޔަޑާ ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިއީ ބާސެލޯނާ ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް