އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ތައުލީމީ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވައްދާނެކަމަށް ގުޅިފައިވާ ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ފ.މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ދާ ކޮންމެ ރަށަކުން އަޑުއިވިގެންދަނީ ސްކޫލްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެ ކިޔަވައި ނުދެވި ޓީޗަރުން ލިބިމުގައި ދަތިވާ ވާހަކަކަމުގައެވެ. އެކަން ނިމުމަކަށް ގެންނާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސިއްހީ ނިޒާމު އޮތީ ވަޅުޖެހި ފެއިލްވެފައި ކަމުގައެވެ.
" އަޅުގަނޑުމެންގެ ސަރުކާރަކުން ޔަޤީންކޮށްދޭނީ ،ރަށުގައި ތިބިގެން ތިބޭފުޅުން ހިތްހަމަޖެހޭ މިންވަރަށް އުޅެވޭނެ ގޮތަކަށް، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމުގެ ކަންކަން ހަމަޖެހިފައި އޮންނާނެގޮތަކަށް ކަންތައްތައް ކޮށްދިނުމަށް ." ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މުޅިރާއްޖެއިން އިވިގެންދާ އަޑަކީ ހަމަހަމަ ކަމާއި އިންސާފު ނެތްކަމުގެ ވާހަކަ ކަމަށެވެ. ތަފާތު ކުރުންތައް އިންތިހާއަށް ގޮސް ޤައުމު ބޮއްސުން ލަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ތަފާތު 4 ސިޔާސީ ޕާޓީއެއްގެ ތަފާތު ސިޔާސީ ފިކުރުތައް އެއްގަލަކަށް އަރައިގެން މިއަދު މަސައްކަތްކުރަމުން މިދަނީ މިތަފާތު ކުރުންތައް ނައްތާލާ ޤައުމު ހަމަމަގަށް ރައްޔިތުން ބޭނުންވާގޮތަށް ގެނައުމަށް ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފައިސަލް ނަސީމް މިހާރު ގެންދަވަނީ ފ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް