އިދިކޮޅު ކޯލިޝަންގެ ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، ވިޔަފާރި ކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދޭނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ސަރުކާރުން ޒުވާނުން ދެކެނީ ހަމައެކަނި ފުޓްސަލް ކުޅޭ ބައެއްގެ ގޮތުގައި ނޫންކަމުގައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރެއަށް ޒުވާނުން ވަނުމަށް ދޭންޖެހޭ މާލީ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ މިސަރުކާރުން 95000 ވަޒީފާ އުފެއްދިކަމަށް ވިދާޅުވަމުން ގެންދަވާއިރު 19 އިންސައްތައަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ނުލިބި އެބަތިބިކަމަށާއި އެވަޒީފާތައް ދިނީ ކޮންބަޔަކަށް ތޯ އިބޫ ސުވާލު ކުރެއްވިއެވެ. އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި އެގޮތަށް ނުވާނެކަމުގައެވެ.
މީގެއިތުރުން ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން މިނިވަން ކުރަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. ކުޅިވަރު ކުޅޭ ހުރިހާ ޒުވާނުންނަށް ، ވަކި ކުޅިވަރެއް ބާކީ ނުކޮށް، އެޒުވާނެއް ކުޅެން ބޭނުންވާ ކުޅިވަރެއް ކުޅުމަށް ފަސޭހައިން ފުރުސަތު ލިބޭނެ އުސޫލެއް މަގުފަހިކޮށްދޭން އެބަޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
" އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވި ފަދައިން އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން މިނިވަންކޮށް ، ސަރުކާރުން މާލީއެހީތެރިކަން އެސޯސިއޭޝަންތަކަށް ދީ ، އެތަންތަން މެދުވެރިކޮށް ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރަށް އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭނެ ވާހަކަ ދަންނަވަން. " އިބޫ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް