ރެކޯޑެއް ގާއިމް ކުރުމަށް ފާހާނާ ތަށި މަތީގައި ފަސް ދުވަސް ހޭދަކޮށްފި

ބެލްޖިއަމަށް އުފަން ރައްޔިތަކު، ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމަށް ފާހާނާ ތަށި މަތީގައި ގާތްގަނޑަކަށް ފަސް ދުވަސް ހޭދަކޮށްފިއެވެ. މިކަން ކޮށްފައިވަނީ އުމުރުން 48 އަހަރުގެ ޖިމީ ޑެ ފްރޭންނޭ ކިޔާ މީހެކެވެ...

13 Jul 2019 | 09:16

ބެލްޖިއަމަށް އުފަން ރައްޔިތަކު، ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމަށް ފާހާނާ ތަށި މަތީގައި ގާތްގަނޑަކަށް ފަސް ދުވަސް ހޭދަކޮށްފިއެވެ.

މިކަން ކޮށްފައިވަނީ އުމުރުން 48 އަހަރުގެ ޖިމީ ޑެ ފްރޭންނޭ ކިޔާ މީހެކެވެ. މި މީހާއަކީ ބަސް ދުއްވަން ދަސްކުރަމުން އަންނަ މީހެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ އުޅުނީ ގާތްގަނޑަކަށް ހަ ދުވަހު ފާހާނާ ތަށި މަތީގައި އިންނާށެވެ. އެއީ 165 ގަޑިއިރެވެ. ނަމަވެސް އޭނާއަށް ކެތް ކޮށްލެވުނީ 116 ގަޑިއިރުއެވެ. ނަމަވެސް މިއީވެސް ރެކޯޑެކެވެ. މީގެ ކުރިން މީހަކު އެންމެ ގިނައިރު ފާހާނާ ތަށި މަތީގައި އިނީ 100 ގަޑިއިރު ވާންދެކަށެވެ.

ޖިމީ މި ރެކޯޑް ގާއިމް ކުރަން ބޭނުންކުރި ފާހާނާ ތަށި ބަހައްޓާފައި ހުރީ ބެލްޖިއަމްގެ ބާއެއްގެ ތެރޭގައެވެ. އެ ބާ އެ ފަސް ދުވަހު 24 ގަޑިއިރު ހުޅުވާފައި ހުރި އިރު އޭނާގެ ރަހްމަތްތެރިންނާއި އާއިލާ މެމްބަރުން ޖިމީ ގާތަށް ގޮސް ހިތްވަރު ދިން ކަމަށް ބުނެފައިވެއެވެ.

ކޮންމެއަކަސް މި ހަރަކާތް ކުރިއަށް ގެންދިޔައީ ޖިމީއަށް ކޮންމެ ގަޑިއިރަކުން ފަސް މިނެޓުގެ ބްރޭކެއް ލިބޭ ގޮތަށެވެ. އެ ބްރޭކްތައް އެއްކޮށްލައިގެން ލިބޭ ދެ ގަޑިއިރު އޭނާ ހޭދަކުރީ ނިދުމުގައެވެ. އަދި ފާހާނާ ތައްޓެއްގެ މަތީގައި އިން ނަމަވެސް ބޮޑު ކަމު ދިއުމަށާއި ކުޑަކަމު ދިއުމަށް ޖިމީ ބޭނުންކުރީ އެ ބާގެ އާންމު ފާހާނާއެވެ. އެއީ ޖިމީ އިށީނދެ އިން ފާހާނާއަކީ ރަމްޒީގޮތެއްގައި ބަހައްޓާފައި ހުރި ފާހާނާއަކަށް ވުމުންނެވެ.

މި ރެކޯޑު ދުނިޔޭގެ ރެކޯޑު ފޮތަށް އަދި އަރުވާފައެއް ނުވެއެވެ. ނަމަވެސް މިރެކޯޑު ވެލިޑޭޓް ކުރުމުގެ މަސައްކަތް މިހާރު ދުނިޔޭގެ ރެކޯޑު ފޮތުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް