ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ރޭވުމުގެ އެއް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ނިންމައިފި އެވެ.
އޭނާ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވުމުންނެވެ، އޭގެ ފަހުން މިހާތަނަށް އޭނާ އުޅެމުންދިޔައީ އިންޑިއާ މަގުން ސްރީލަންކާއަށް ގޮސް އެ ގައުމުގައި އެވެ.
ލުތުފީގެ މައްޗަށް ޕީޖީ ދައުވާ އުފުލާފައިވަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ގައި އެވެ. މި ޝަރީއަތް ކުރިޔަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ނުވަ ވަރަކަށް އަހަރު ފިލައިގެން އުޅުމަށް ފަހު އޭނާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔައީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ ގައުމުގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު ގަވައިދާ ހިލާފަށް ލުތުފީއަށް ލަންކާގައި އުޅެވޭނެ ގޮތް ހުސްވެގެންނެވެ.
ދިވެހި ސަރުކާރުގެ ހުއްދަ އާއި އެކު އޭނާ އެމްބަސީގައި އުޅޭކަން ހާމަވީ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އެކަން ފަޅާ އަރުވާލީ އިދިކޮޅު ފަރާތްތަކުންނެވެ.
އޭގެ ފަހުން ދިވެހި ފުލުހުން ފޮނުވައިގެން އޭނާ ރާއްޖެ ގެނެސް މިހާރު ހުރީ މާފުށީ ޖަލުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް