ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. އެ މައްސަލައިގާ އިތުރު ފިޔަވަޅެއް ނޭޅުމަށްވެސް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގާ އެދިފައިވާ ކަންތައްތަކާއި ގާނޫނު އަސާސީ އާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަށް ރިއާޔަތް ކުރުމަށްފަހު، އެ މައްސަލަ ބަލާ ނިމެންދެން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ފަސްކުރަން ޖޭއެސްސީގެ އިތުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރު ޑީޑީ އާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށާއި މި މައްސަލައާއި ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅުމަށްވެސް އެ އަމުރުގައި އަމުރުކޮށްފައިވެއެވެ.
ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ޑީޑީއަށް ތުހުމަތުކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާއި ހަމަ އެ މައްސަލައާއި ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައަކީ ރައީސް ނަޝީދަށް ހުކުމް އިއްވުމުގައި ފަނޑިޔާރު ޑީޑީ ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް