ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށާއި، ފަހި މާހައުލެއް ބިނާކުރުމުގެ ގޮތުން އެކުލަވާލައިފައިވާ ސިޔާސަތަށް ޢަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
"މި ސިޔާސަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މަޢާފު އުސޫލަށް އިސްލާހު ގެނެސް، ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިޢުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިޢުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ ޝަރުޠުތަކެއް ހިމަނާފައިވޭ" ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވާ ކަމަށާއި، އެގޮތުން ކުޑައަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނުދިނުން ފަދަ ކަންކަން މި ސިޔާސަތުގައި ހިމެނޭ ކަމުގައެވެ.
މީގެ އިތުރުން، ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާދެއްކުމަށް ބާރުއެޅޭގޮތަށް ކަންކަން ބައްޓަންކުރުމާއި، މީހުން ތަމްރީނުކުރުން އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑްދިނުން ފަދަ ކަންކަން ތަޢާރަފް ކުރުން މި ސިޔާސަތުގައި ހިމެނޭ ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް