އިންޑިޔާއަށް އެރުމުގެ މަގުމަތީގައިވާ ތޫފާން ވާޔޫއިން ރައްކާތެރިވުމަށް އިންޑިޔާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
މިގޮތުން އިންޑިޔާގެ ގުޖުރާތުގެ އިރުމަތީ އައްސޭރިފަށުގައި ދިރިއުޅޭ 250،000 އަށް ވުރެ ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި އެގައުމުގެ އައްސޭރިފަށުގައި އޮންނަ ސައުރާސްތްރައާއި ކަޗްގައި އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތް ކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސް ވަނީ ރުކުރުވާލާފައެވެ. މީގެ އިތުރުން އެގައުމުގެ އަސްކަރިއްޔާއާއި، ނޭވީގެ އިތުރުން ކޯސްޓް ގާޑްވެސް ވަނީ އެލާޓަށް ގެނެސްފައެވެ. އަދި މީގެ އިތުރުން ގުޖުރާތުގެ ބައެއް އެއާޕޯޓުތަކާއި، ކަނޑު ބަނދަރުތަކުގެ އިތުރުން ރޭލުގެ ހިދުމަތްތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި ތޫފާނުގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
މި ތޫފާނުގައި ގަޑިއަކު 105 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މޫސުން ލަފާ ކޮށްފައިވެއެވެ. މި ތޫފާނަކީ 1999 ވަނަ އަހަރު އިންޑިޔާއަށް އަރައި 10،000 މީހުން މަރުވި އޮޑިޝާ ތޫފާނަށް ފަހު އެގައުމަށް އަރާ އެންމެ ވަރުގަދަ ތޫފާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް