"ތިހިރީ މީހާ ހުރިގޮތް.. މުޅި މީހާ ގައިގަ ލޮކި މަސް ޖަހާފަ.. ކަނީކީ އެހެނަކުން ނޫން. ކޮންމެ ވަގުތަކު އެ ކާލަނީ ވަކި ވަރެއް ބަލާފައެއް ނޫން.. ދެ ފައި ވެސް ހީވަނީ ފަލަ ކުކުޅު ފައެއްހެން.. އަދި ބަލާބަލަ އެއޮއް ބޮޑު ބަނޑެއް.. ތަނަކު އިށީނިއްޔާ ތެދުވެވެނީ އެތައް އިރަކުން.. ތިހާ ފަލަ މީހަކާ އެކީ މަށަކަށް ނޫޅެވޭނެ.."
އެއީކީ އަހަރެންނަށް އާ ކަމެއް ނޫނެވެ. ކޮންމެ ފިރިހެން ކުއްޖަކުވެސް އަހަރެންނަށް ދެނީ ހަމަ އެ ޖަވާބެވެ. ދެރަވެއެވެ. ހިތް ކުދި ކުދިވެއެވެ. ނަމަވެސް ޒަހީނުގެ ދުލުން އެބަސްތައް އިވުމުން ހީވީ މޭފަޅާފައި ހިތް ނިކުތް ހެންނެވެ.
ޒަހީނު ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ނަމަވެސް ޒަހީނު އަހަރެން ފަޟީހަތްކޮށްލީ އަހަރެން ނުވެސް ވިސްނާ ހުއްޓައެވެ. އެ ރަހުމަތްތެރިކަމަށް އެހެން ނަމެއް ދެވުނީ އަހަރެންގެ މޮޔަ ކަމުންނެވެ.
އަހަރެންގެ ވާހަކަ މި ފެށުނީ މިހާ ހިސާބުންނެވެ. "އޭ ހާދަ ފަލައޭ! ހިކޭކަށް ނުވޭތަ؟" މިއީ ކޮންމެ ދުވަހަކުވެސް ދެއިރު ކާ ބޭހެއް ހެން މީހުން އަހަރެންނާ ކުރާ ސުވާލެކެވެ. ކުރިން އެމީހުން އެހެން ކިތަންމެ ވަރަކަށް އެހިޔަސް އަހަރެން ދެރައެއް ނުވެއެވެ. ނަމަވެސް މިއަދު ޒަހީނުގެ ދުލުން އެ ބަސްތައް އިވުމުން ހަގީގަތުގައިވެސް ވަރަށް ހިތުގައި ޖެހިއްޖެއެވެ. ލޮލުން ކަރުނަ އައިސްފިއެވެ. ކޮލެޖު ތެރޭގައި ތިބި އެންމެން އަހަރެންނަށް މަލާމާތް ކުރާން ފެށިއެވެ. އެކި އެކި ޖަނަވާރުގެ ނަންނަމުން އަހަރެންނަށް ގޮވަން ފެށިއެވެ. ޒަހީނު ފަދަ ރީތި މީހަކާ ދޭތެރޭ އަހަރެން އެކަލަ ނަޒަރަކުން ދެކުނީ ކޮން ހައިސިއްޔަތަކުންހޭ ކުއްޖަކު ބުނާ އަޑު އެހީމެވެ. އަދި ލޯބިވާ ވާހަކަ ހިފައިގެން އައި އިރު އަމިއްލަ ނަފްސަށް ބަލާނުލީ ކީއްވެގެންތޯ އޭ ވެސް ކުއްޖަކު ގޮވައިލިއެވެ.
އެދުވަހު ގެއަށް އައިސް އަހަރެން ވަރަށް ވިސްނާ ފިކުރުކުރީމެވެ. ފަލަ ވުމަކީ ހަމަ މިހާ ބަދު ބަސް ލިބޭ ކަމެއް ހެއްޔެވެ؟ އަހަރެންނަށް ޒަހީނުގެ ލޯބި ނުލިބުނީ އަހަރެންގެ މި ހަށިގަނޑުގެ ސަބަބުން ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ އަހަރެން ބޭނުމީ ހިކޭށެވެ. އެމީހުން އަހަރެން ފަލައޭ ކިއުން ހުއްޓާނީ އޭރުންނެވެ. ޒަހީނުގެ ލޯބި ލިބޭނީ އޭރުންނެވެ. ގިނަ ރައްޓެހިން ލިބޭނީ އޭރުންނެވެ. މީހުން އަހަރެން ބަލައިގަންނާނީ އޭރުންނެވެ.
އަހަރެން ބޯ ގޮވަން ފަށައިފިއެވެ. އަމިއްލަ ނަފުސު ދެކެ އެދުވަހުން ފެށިގެން ރުޅި އަންނަން ފެށުނެވެ. ކާހިތް ކެނޑުނެވެ. ގޭ ފުރިޖުގައި ހުރި ހުރިހާ ޔޯގަޓް ތަށިތަކާއި، އައިސްކްރީމް ތަކާއި ޗޮކްލެޓްތައް ކާނެ މީހަކު ނުވެގެން މަންމަ އުކައިލީއެވެ. މަންމަ އަހަރެން ކައިރީގައި ކެއުމަށް އާދޭސް ކުރެއެވެ. އަހަރެންނަށް މީރު އެތައް އެޗެއް ހަދައިދޭން ފެށިއެވެ. ނަމަވެސް އަހަރެން ދެން އެކައްޗެއްވެސް ކާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ ހިކޭށެވެ. އަހަރެން ބޭނުމީ ރީތި މީހަކަށް ވާށެވެ. އަހަރެން ބޭނުމީ އެހެން ކުދިން ފަދައިން ފެޝަން ހެދުންތައް ލައިގެން މަގުތައް މަތީގައި ފަރި ދައްކަން ހިނގާށެވެ. އަހަރެން އެއްގޮތަކަށް ވެސް މި ލޮކި މަސްތަކެއް ބޭނުމެއް ނޫނެވެ. އަހަރެންވެސް ލޯބިވެރިއެއް ބޭނުމެވެ. އަހަރެންގެ މި ހަށިގަނޑުގެ ސަބަބުން މިއަދު އަހަރެން މިވަނީ އެ ހުރިހާ ކަމަކުން މަހުރޫމުވެފައެވެ.
މަންމަގެ އެހީގައި އަހަރެން ދުވަން ދާން ފެށީމެވެ. އެކަމަކު ނުދުވެވެއެވެ. ތަންކޮޅަކަށް ދުވާއިރަށް ވަރުބަލި ވަނީއެވެ. ނޭވާ ކުރުވަނީއެވެ. ނޭވާ ހާސްވަނީއެވެ. ދެރެއަކު ދިއުމަށް ފަހު އަހަރެން ދެން ދުވަން ދާހިތެއް ނުވިއެވެ. އަހަރެންނަކަށް ނުދުވެވޭނެއެވެ. ދެން އަހަރެން ދާން ފެށީ ޖިމަށެވެ. އެތަނަށް ވަތް ފުރަތަމަ ދުވަހުވެސް ހީވީ މީހަކު ކަރުގައި ހިފިހެންނެވެ. އަހަރެން ހިކެން ވަރަށް ބޭނުމެވެ. އެކަމަކު މި ހުރިހާ ބަރުތަކެއް ނުއުފުލޭނެއެވެ. އަހަރެން އެކަން ވެސް ހުއްޓައިލީމެވެ.
އެކި ގޮތް ގޮތަށް އަހަރެން ހިކޭތޯ މަސައްކަތް ކޮށްފީމެވެ. ނަމަވެސް ހިތްވަރު ވަނީ އެލިފައެވެ. ކައިރީ ހިތްވަރު ދޭން ހުރި މަންމަ ވެސް ފޫހިވެގެން އެ މަސައްކަތް ހުއްޓާލައިފިއެވެ. ކޮޓަރީގައި ބޮކި ނިއްވާލައިގެން މިއިނީ އަހަރެން އެކަންޏެވެ. އެކަނިމާ އެކަންޏެވެ. ކޮލެޖަށް ނުދާތާ މަސް ދުވަސް ވެއްޖެއެވެ. ވީ ކީއްތޯ ބަލާލާނެ އެކުވެރިއެއްވެސް ނެތެވެ. އަހަރެން މޮޔަ ވެދާނެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ހަ މަސް ދުވަސް ފާއިތު ވެއްޖެއެވެ. އެ ދުވަހުން ފެށިގެން އަހަރެން ކިޔެވުން ހުއްޓައިލީއެވެ. ކެއުން ބުއިމުން ދުރުހެލިވީއެވެ. ހަގީގަތަށް ބުނަންޏާ އަހަރެން ޑިޕްރެޝަނަށް ދިޔައީއެވެ. އަމިއްލަ ނަފުސާ ދޭތެރޭ އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ރަހުމަތްތެރިއެއްގެ ގޮތުގައި އިހުތިޔާރު ކުރީ އަނދިރި ކިއްލާއެއް ފަދަ މި ކޮޓަރިއެވެ. އެ ކޮޓަރީގައި އަހަރެން މިވީ ދުވަސްތަކުގެ ތެރޭގައި އެތައް ކަރުނައެއް އެޅީމެވެ. އަހަންނާއި ދޭތެރޭ މިހާ ބޭއިންސާފުން ކަންތައްތައް މެދުވެރިވާންވީ ކީއްވެގެންތޯ މި ހަތަރު ފާރާއި ސުވާލު ކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭންގެއެވެ. ޖަވާބެއް ނުލިބުނެވެ. މަންމަ ގެނައި ޑޮކްޓަރުވެސް އަހަރެން އެއްޗިހި ކިޔައިގެން ފައްސައިލީ، އޭނަ ވެސް އަހަރެންގެ ހަށިގަނޑާއި ދޭތެރޭ ސުވާލު ކުރަން ފެށީމައެވެ.
އިރުގެ ދޯދިތަށް ހުރީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންނަށް ހޭލެވުނީ ހޫނު އަރައިގަނެގެންނެވެ. ގެއިން ހުރީ ކަރަންޓު ގޮސްފައެވެ. ކޮޓަރިން ނިކުންނަން ދިޔަ ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑެވެ. ލޯގަނޑު ހުރީ އަހަރެން ތަޅާލާފައެވެ. ނަމަވެސް އެކި ތަންކޮޅު ކޮޅުން އަހަރެންނަށް އަހަރެންގެ ނަފުސު ފެންނަމުން ދިޔައެވެ. އެތައް ދުވަހަކަށް ފަހު ލޯގަނޑަށް ބަލައިލެވުމުން އަހަރެންނަށް ހުރީ އަމިއްލަ ނަފުސު އޮޅިފައެވެ. މީ ކުރީގެ އަހަރެންނެއް ނޫނެވެ. އެއްކަލަ ލޮކި މަސްތަކެއް މިއަދަކު ނެތެވެ. އަހަރެންގެ ކޯ ވަނީ އަޑިވަދެފައެވެ. ލޯ ކައިރި ވަނީ ކަޅުވެފައެވެ. މުޅި މީހާ ވަނީ އަނަރޫފަ ވެފައެވެ. ބޯ ވަނީ ހޭވިފައެވެ. ނުކައި، ނުބޮއި ރެއާ ދުވާލު ހިތާމަކޮށްގެން އަހަރެން ހިކިއްޖެއެވެ. ނަމަވެސް މިއީވެސް އަހަރެން ބޭނުންވި ހަށިގަނޑެއް ނޫނެވެ. އަހަރެން ބޭނުންވީ ރީތި ހަށިގަނޑެކެވެ. އަނެއްކާވެސް ރުޅި އާދެވުނެވެ. އައި ރުޅިން ކައިރީގައި ހުރި މާވަށިގަނޑު ނަގައި ލޯގަނޑުގެ ނުތެޅި ހުރި ބައިވެސް ތަޅައިލީމެވެ.
މިއަދު ހަމަ ބޭރު ބަލާލާހިތްވަނީއެވެ. އެހެންކަމުން އަހަރެން ނިކުމެލީ ދޮރުމައްޗަށެވެ. ކުރިމަތީގައި ހުރި ގޭގެ ދޮރުމަތީގައި އެހުރީ ކާކުކަން އަހަރެންނަށް ނޭންގުނު ނަމަވެސް، އަހަރެން ފެނުނީއްސުރެ އެމީހާ ހުރީ އަހަރެންނަށް ބަލާށެވެ. އިރުކޮޅަކުން އެމީހާ އަހަރެން ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.
"އޭ ޒަމްހާ... ހާދަ ހިތްކޭ" އެމީހާ ބުނެލިއެވެ. އަހަރެންގެ ދެލޯ ރަތްވެގެން ދިޔައެވެ. ކޯ ކަށިގަނޑު ތަޅުވައިލެވުނެވެ. އައި ރުޅިން އަހަރެން މުށްކަވާލުމަށްފަހު ޖެހީ އެމީހާގެ ކޯ މަތީގައެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް