މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާން ތަފާތު ބޭނުންތަކަށް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެތަން ކުއްޔަށް ދޫކުރަން ނިންމީ މައިޒާންތަކާއި ޕާކުތަކާއި އަދި ބީޗު ފަދަ ތަންތަނުގައި އެކިއެކި ހަރަކާތްތަށް ބޭއްވުމަށް ކުއްޔަށް ދިނުމާއިބެހޭ އުސޫލުގެ ދަށުން ކަމަށެވެ. މި އުސޫލުގެ ދަށުން ދެ އަގެއްގައި އެތަން ކުއްޔަށް ދޫކުރާނެ އެވެ.
އެއީ އަމިއްލަ ފަރުދުންނާއި ކުންފުނިތަކާއި ސްކޫލުތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ގަޑިއިރަކަށް 250 ރުފިޔާ އަށެވެ. ކުޑަކުދިންނާ ގުޅޭ ހަރަކާތްތައް ބާއްވަން ދޫކުރަނީ ގަޑިއިރަކަށް 100 ރުފިޔާ އަށެވެ.
ކުރީގެ ތިން ރުއް ޕާކު، ސުނާމީ ބިނާ މައިޒާނުގެ ނަމުގައި ތަރައްގީކޮށްފައިވަނީ އެތަނުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވޭ ގޮތަށެވެ. މި ބަދަލާއި އެކު އެތަން ހުޅުވީ މާޗު 13، 2016 ގައި އެވެ.
އެ ބިނާއިން ރަމްޒުކޮށްދެނީ ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގެއްލިދިޔަ މީހުންނާއި މަރުވި މީހުންގެ އަދަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް