ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާއަށް ހާޒިރުވި 41 ހިއްސާދާރުންގެ ވޯޓުންނެވެ. މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމީ 118.4 މިލިއަން ރުފިޔާ އެވެ.
އެ ބޭންކުން ބުނީ މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 10 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިހާތަނަށް ހިއްސާދާރުންނަށް ބަހަން ނިންމި ރެކޯޑު އަދަދެއް ކަމަށެވެ.
ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ. 2016 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.
އެ ބޭންކުން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓް އިތުރު މިންވަރެކެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.02 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް