ޕްރިމިއާ ލީގު ނިމުނުއިރު، ޗެމްޕިއަންސް ލީގުގެ ޖާގަ ޔުނައިޓެޑް، ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމް އަށް

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ ފަހު މެޗުތައް މިރޭ ކުޅެ ނިމުނުއިރު، ޗެމްޕިއަންސް ލީގުގެ ޖާގަ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމްއަށް ކަށަވަރު ވެއްޖެއެވެ. މިރޭ...

13 May 2018 | 16:54

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ ފަހު މެޗުތައް މިރޭ ކުޅެ ނިމުނުއިރު، ޗެމްޕިއަންސް ލީގުގެ ޖާގަ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި ޓޮޓެންހަމްއަށް ކަށަވަރު ވެއްޖެއެވެ.

މިރޭ އެއް ވަގުތެއްގައި ގިނަ މެޗުތަކެއް ކުޅުނުއިރު، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މިދިޔަ ސީޒަންގެ ޗެމްޕިއަން ޗެލްސީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މިރޭގެ މެޗުތައް ފެށުނުއިރު، ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބެން އޮތް ހަމައެކަނި ގޮތަކީ ޗެލްސީ ނިއުކާސަލް އަތުން މޮޅުވެ، ލިވަޕޫލް ކުޅުނު މެޗުން ބްރިޓަން އަތުން އެ ޓީމު ބަލިވުމެވެ. އެހެންނަމަވެސް ޗެލްސީ ވަނީ ނިއުކާސަލް އަތުން 3-0 އިން ބަލިވެފައެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ވަޓްފޯޑްގެ މައްޗަށް 1-0 ގެ ހަނި މޮޅެއް ލީގުގެ ފަހު މެޗުގައި ހޯދާފައެވެ. މިރޭގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ޔުނައިޓެޑަށް ދެ ވަނަ ޖާގަ ގެއްލެން ނެތްއިރު، އެ ޓީމު މޮޅު ކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑް އެވެ.

ފޯރިގަދަ، ވަރުގަދަ މެޗަކުން ޓޮޓެންހަމް އިން ވަނީ 5-4 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށް ލީގުގެ ތިން ވަނަ ޖާގަ ކަށަވަރު ކޮށްފައެވެ. މިރޭގެ މެޗުގެ ކުރީކޮޅު ލެސްޓާގެ ވާޑީ ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިދީފައެވެ.

ލެސްޓާއިން ލީޑު ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހެރީ ކޭން ލަނޑެއް ޖަހައި ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެހެނަސް އޭގެ އިރުކޮޅެއް ފަހުން ރިޔާދް މާރޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު އަނެއްކާ ވެސް ލެސްޓާއިން ލީޑު ނެގިއިރު، ދެ ވަނަ ހާފުގެ ކުރީކޮޅު އިހިނާޗޯ ޖަހައިދިން ލަނޑާއެކު އެ ޓީމުން ލީޑު ފުޅާކޮށްލިއެވެ.

ލެސްޓާއިން ދެ ލަނޑުގެ ލީޑެއް ނެގިތާ 2 މިނިޓު ފަހުން ލަމޭލާ ޖެހި ލަނޑުން ޓޮޓެންހަމްއިން ފަރަގު ކުޑަކުރިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކުރެވުނީ ލެސްޓާގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ލަމޭލާ ޖެހި ލަނޑާއެކު ޓޮޓެންހަމް އިން ފުރަތަމަ ފަހަރަށް ލީޑު ނެގިއިރު، ޖޭމީ ވާޑީގެ ލަނޑުން އަނެއްކާ ވެސް ލެސްޓާ އިން ނަތީޖާ ހަމަހަމަކުރިއެވެ. ޓޮޓެންހަމް މޮޅުވީ ހެރީ ކޭން ޖަހައިދިން ލަނޑުންނެވެ.

ލީގު ތާވަލުގެ 4 ވަނަ ހޯދާ ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކުރި ލިވަޕޫލްއިން މިރޭ ވަނީ ބްރިޓަން ކޮޅަށް 4 ލަނޑު ޖަހާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަލާހް، ލޯރެން، ސޮލާންކީ އަދި ރޮބާޓްސަން އެވެ.

ލިވަޕޫލްއަށް ސަލާހް މިރޭ ކާމިޔާބު ކޮށްދިން ލަނޑާއެކު ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޭނާ ވަނީ ގާއިމްކޮށްފައެވެ. ސަލާހް ވަނީ ޕްރިމިއާ ލީގުގެ މި ސީޒަންގައި 32 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަން ނިމުނުއިރު، ރެލިގޭޓް ވެފައިވަނީ ވެސްޓް ބްރޯމް، ސްޓޯކް ސިޓީ އަދި ސްވަންސީ ސިޓީ އެވެ. މިރޭ ކުޅުނު މެޗުން ސްޓޯކް އަތުން 2-1 އިން ސްވަންސީ ވަނީ ބަލިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް