ރާއްޖޭގައި ހުންނަ ޕާސްކިތާނު އެމްބަސީން ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ލެޕްޓޮޕްތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ. ޕާކިސްތާނު އެމްބަސީގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ގައުމުގެ ސަފީރު ވަސީމް އަކްރަމެވެ.
ޖިނާހް ލެޕްޓޮޕް ސްކީމްގެ ދަށުން 30 ލެޕްޓޮޕް ހަދިޔާ ކުރި އެވެ. އެ ސްކީމް ނިސްބަތް ވަނީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހު އަށެވެ.
މި ލެޕްޓޮޕްތައް ބެހުމަށް ހަމަޖެހިފައިވަނީ އަތޮޅު ތެރެއިން، އޭ ލެވެލްގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ސްކޫލްތަކަށެވެ. އެގޮތުން ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ލެޕްޓޮޕް ދޭނެ އެވެ.
ޕާކިސްތާނު އެމްބަސީން ބުނީ ކުރިޔަށް އޮތްތާ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީވުމުގެ ގޮތުން ލެޕްޓޮޕްދޭ އަދަދު އިތުރު ކުރާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު 50 ލެޕްޓޮޕް ދޭނެ ކަމަށެވެ.
މިިދިޔަ އަހަރު ވެސް ޕާކިސްތާން އެމްބަސީން ރާއްޖެ އަށް 15 ލެޕްޓޮޕް ހަދިޔާ ކުރި އެވެ. އެ ލެޕްޓޮޕްތައް ދީފައި ވަނީ މާލޭގައި ސަރުކާރުން ހިންގާ 14 ސްކޫލަށާއި އައްޑޫ ހައި ސްކޫލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް