ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގައި މިއަދަށް ތާވަލު ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި އެވެ.
މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކޯޓަށް ވަޑައިގެންނެވެން ނެތުމުން މިއަދު ބާއްވަން ތާވަލުކޮށްފައިވާ ޝަރީއަތް ފަސްކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ފަހުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ސިޓީގެ ޖަވާބެއްގެ ގޮތުގައި ޝަރީއަތް ފަސް ކުރެވެން ނެތް ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށެވެ.
އެކަމަކު ބެލެވޭ ގޮތުގައި ޝަރީއަތް ތާވަލު ކުރިއަސް ފުލުހުންވެސް ކޯޓަށް އަންގާނީ މައުމޫންގެ ސިއްހީ ހާލަތު ހުރި ގޮތުން ހާޒިރު ކުރެވެން ނެތް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރު ފަހު 3:00 އަށެވެ. މިއަދު އޮތީ އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.
ވަކީލު މައުމޫން ވިދާޅުވީ މިދިޔަ 10 ދުވަސް ތެރޭ މައުމޫން އަނބުރައި ގަނެގެން ތިން ފަހަރު ވެއްޓިފައިވާ ކަމަށެވެ. އަދި ޑޮކްޓަރުން ވަނީ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހާލަތު އިތުރަށް ބެލުމަށް 48 ގަޑި އިރު މައުމޫންގެ އަރިހުގައި މީހުން ތިބުމަށް އިރުޝާދު ދީފަ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ މިއަދުގެ ޝަރީއަތް ފަސްކޮށްދޭން އެދުނީ އެހެންވެ ކަމަށެވެ.
މިދިޔަ ހަފްތާގައިވެސް މައުމޫނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމަކަށް ސިއްހީ ހާލުކޮޅު ދެރަކަމުން ހާޒިރުކޮށްދެވެން ނެތް ކަމަށް ފުލުހުން އަންގައިގެން ޝަރީއަތް ކެންސަލް ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް