އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ބަހައްޓަން ނިންމައިފި އެވެ. އެ ހަތަރު ގައުމަ...

13 May 2018 | 05:12

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ބަހައްޓަން ނިންމައިފި އެވެ.

އެ ހަތަރު ގައުމަކީ ސްރީލަންކާ، އިންޑިއާ، އިނގިރޭސިވިލާތް އަދި މެލޭޝިއާ އެވެ. އެ ހަތަރު ގައުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި މީހުންގެ އަދަދު ހަމަވެއްޖެ ނަމަ ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުންވެސް ނިންމާފައިވާ ހަތަރު ގައުމެވެ.

އެމްޑީޕީ ބުނީ ސްރީލަންކާގެ ކެންޑީއާއި ކޮލަމްބޯގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އިންޑިއާގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖައްސާފަައިވަނީ ޓްރިވެންޑްރަމްގަ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލާލަމްޕޫރުގައި ވޯޓް ފޮށި ބަހައްޓާއިރު އިނގިރޭސިވިލާތުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ ލަންޑަނުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ އެވެ. މިހާތަނަށް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާޏު ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް