ފަލަސްތީނުގެ ޣައްޒާ އަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ އެތެރެ ކުރެވޭގޮތަށް އޮންނަ ހަމަ އެކަނި ބޯޑަރު އިޒްރޭލުން ބަންދު ކޮށްފި އެވެ.
ކެރެމް ޝަލޯމްގެ ނަމުން ނަން ދީފައިވާ މި ބޯޑަރު އިޒްރޭލުން ބަންދުކޮށްފައިވަނީ އެ ބޯޑަރަށް ޣައްޒާގެ ރައްޔިތުން ގެއްލުން ދީފައިވާކަމަށް ބުނެ އެވެ.
އިޒްރޭލުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ޣައްޒާގެ ރައްޔިތުން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި އެ ބޯޑަރުގެ ޣައްޒާ އާއި ވީފަޅިން ބޯޑަރު ގޭޓަށާއި ޗެކްޕޮއިންޓްތަކަށް ޣައްޒާގެ ރައްޔިތުން ގެއްލުންދީފައިވާކަމަށެވެ. ތެޔޮ ސަޕްލައި ކުރުމަށް އޮންނަ ހޮޅި، ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފައިވާކަމަށެވެ.
އެ ބޯޑަރު ކަންކަން އަލުން ހައްލު ކުރުމަށްފަހު އަލުން ހުޅުވާލާނެ ކަމަށް އިޒްރޭލުން ބުނެފައިވާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ އެތެރެކުރެވޭ ހަމަ އެކަނި ބޯޑަރަކީ އެއީ އެވެ. ދެން އޮންނަނީ ޣައްޒާއަށް މީހުން ވަދެ ނިކުތުމަށް ހާއްސަ ކޮށްފައިވާ ބޯޑަރު ސަރަހައްދެކެވެ. އެ ސަރަހައްދުވެސް ކޮންޓްރޯލު ކުރަނީ އިޒްރޭލުންނެވެ.
ބޯޑަރު ބަންދު ކުރުމުން، މިސްރުން ވަނީ ކުރިއަށް އޮތް ހަތަރު ދުވަހަށް، މިސްރާއި ވީ ފަޅިން ޣައްޒާއަށް މުދަލާއި ކާބޯތަކެތި އެތެރެ ކުރެވޭގޮތް ހަދާފަ އެވެ. މިސްރުން ބުނެފައިވަނީ އިޒްރޭލު ފަޅީގެ ބޯޑަރު ހައްލުވުމުން މިސްރު ފަޅި ބަންދު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް