N/A
އީރާނުގެ ބަނދަރުތަކާ ދެމެދު ދަތުރުކުރާ ހުރިހާ ނައުފަހަރެއް ބްލޮކް ކުރާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރުގެ މުހުލަތު، ރާއްޖޭ ގަޑީން މިރޭ 7:00 ގައި ހަމަވާނެއެވެ. އީރާނުން ބުނީ ބްލޮކޭޑް ތަންފީޒުކޮށްފި ނަމަ، މިހާތަނަށް ނުކުޅެ ބާއްވާފައި ހުރި "ޓްރަމްޕް ކާޑުތައް" ކުޅެލާނެ ކަމަށެވެ.
މަޝްވަރާ ފެއިލްވީ ކީއްވެ؟
ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި 21 ގަޑިއިރަށް ދެމިގެން ދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވީ މައިގަނޑު ގޮތެއްގައި ނިއުކްލިއާ މައްސަލައިގައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވާންސް ބުނީ ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމާއި، މުއްސަނދިކުރާ ހުރިހާ ފެސިލިޓީއެއް ރޫޅައިލުމާއި، ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވައިލުންފަދަ މި "ރެޑް ލައިން" ތަކަށް އީރާނުން އެއްބަސް ނުވީ ކަމަށެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރް ޣާލިބާފް ބުނީ "ކުރިއަށް ވިސްނައިގެން ތައްޔާރުކުރި ހުށަހެޅުންތައް" ހުށަހެޅި ކަމަށާއި، ނާކާމިޔާބުވީ އެމެރިކާ ފަޅިން "އީރާނުގެ ވަފުދުގެ އިތުބާރު ހޯދައިނުދެވުމުން" ކަމަށެވެ.
ޓްރަމްޕް މި ދިނީ ކޮން އިންޒާރެއް؟
މަޝްވަރާ ރޫޅުމާ އެކު ޓްރަމްޕް އާދީއްތަ ދުވަހު ޓްރޫތް ސޯޝަލްގައި ބުނީ އެމެރިކާގެ ކަނޑުގެ ލަޝްކަރުން "ވަގުތުން" ހޮރްމުޒް ކަނޑުއޮޅީގެ ބްލޮކޭޑެއް ފަށާނެ ކަމަށެވެ. ހޮރްމުޒް ކަނޑުއޮޅީން ދަތުރުކުރާ ބޯޓުތަކުން އީރާނުން ފީ ނަގާ ނެގުމަކީ "ދުނިޔެ ރަހީނުކުރުން" ކަމަށް ސިފަކޮށް، ޓްރަމްޕް ބުނީ އީރާނަށް ފީ ދައްކާ ކޮންމެ ބޯޓެއް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާނެ ކަމަށެވެ. އީރާނުގެ ފައިދާއަށް ހޮރްމުޒް ބަންދުކޮށްފައި ބާއްވަން ދޫ ނުދޭނެ ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ބްލޮކޭޑް ތަންފީޒުކުރާނީ ކޮންމެ ދިދައެއްގެ ދަށުން ދަތުރުކުރާ ބޯޓެއް ވިޔަސް ހަމަހަމަކޮށް ކަމަށެވެ. ނަމަވެސް، އީރާނާ ނުގުޅޭ ބަނދަރުތަކަށް ދާ ބޯޓުފަހަރުތައް ކަނޑުއޮޅީން ދަތުރުކުރެވޭނެ ކަމަށް ސެންޓްކޮމް ސާފުކޮށްދީފައިވެއެވެ.
މިކަމާ އީރާނުން ބުނީ ކީކޭ؟
އީރާނުގެ ޤައުމީ ސަލާމަތީ ކޮމިޓީގެ ތަރުޖަމާނު އިބްރާހީމް ރެޒާއީ ބުނީ ބްލޮކޭޑް ކުރިއަށް ގެންގޮސްފި ނަމަ، އީރާނުން އެކަން ބަލާނީ "އަސްކަރީ ޢަމަލެއް"ގެ ގޮތުގައި ކަމަށާއި، ރައްދު ފިޔަވަޅު އަޅާނެ ކަމަށެވެ. ރެޒާއީ ބުނީ ޓްރަމްޕުގެ ބަޔާންތަކަކީ ހަގީގަތަށް ވުރެ ބިރުދެއްކުމެއް ކަމަށާއި، "މި ކުޅީގައި މިހާތަނަށް ނުކުޅެ ހުރި ޓްރަމްޕް ކާޑުތައް ދައްކައިލެވިދާނެ" ކަމަށެވެ. ހަމައެއާ އެކު، މައިން ސާފުކުރަން ކަނޑުއޮޅިއަށް އަސްކަރީ އުޅަނދެއް ފޮނުވައިފި ނަމަ "ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
އެމެރިކާއަށް ބްލޮކޭޑް ތަންފީޒުކުރެވިދާނެތަ؟
އެމެރިކާގެ ކަނޑުގެ ބާރު މެދުއިރުމައްޗައް ޖަމާކޮށްފައި ވަނީ ބޮޑު މިންވަރަކަށެވެ. މިހާރު ވެސް ދެ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕާ އެކު 18 އަށް ވުރެ ގިނަ ހަނގުރާމަމަތީ ނައު ހަރަކާތްތެރިވެއެވެ. ތިން ވަނަ ކެރިއާ ސްޓްރައިކް ގްރޫޕެއް ވެސް މެދުއިރުމައްޗަށް ދަތުރުކުރަމުންދެއެވެ. ބައެއް އެނެލިސްޓުން ބުނާ ގޮތުގައި، އީރާނުގެ ބަނދަރުތައް ބްލޮކް ކުރެވޭ ވަރުގެ ޤާބިލުކަން އެމެރިކާގެ ކަނޑުގެ ލަޝްކަރުގައި އެބަހުއްޓެވެ.
ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގައި ބާރު ހިންގަނީ ހަމައެކަނި ބޮޑެތި ނައުފަހަރުގެ ބާރަކުން ނޫނެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ގެންގުޅެނީ ޑްރޯނާއި، މައިނާއި، ހައިސްޕީޑް ބޯޓާއި، އެއްގަމުގައި މިސައިލް ބޭނުންކޮށްގެން ކަނޑުގެ ދަތުރުފަތުރު ހުއްޓުވުމުގެ ހަތިޔާރެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުން ކަނޑުއޮޅީގައި ބެހެއްޓި މައިންތަކުގެ ލޮކޭޝަން އީރާނަށް ވެސް ގެއްލިފައިވާތީ، ކަނޑުއޮޅި ފުރިހަމައަށް ހުޅުވައިލެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން، ބްލޮކޭޑް ތަންފީޒުކުރުމަކީ ކަރުދާހުގައި ފެންނަހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
ބްލޮކޭޑުން ގެއްލުން ލިބެނީ ކޮން ބަޔަކަށް؟
ހޮރްމުޒް ކަނޑުއޮޅީން ދުނިޔޭގެ ކަނޑުމަގުގެ ތެލުގެ ގާތްގަނޑަކަށް 25 އިންސައްތަ ދަތުރުކުރެއެވެ. ބްލޮކޭޑުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އީރާނަށެވެ. ހަނގުރާމައިގެ ތެރޭގައި ވެސް ކަނޑުއޮޅި ބަންދުކޮށް، ތެލުގެ އަގު ބޮޑުވީމާ ފައިދާ ނެގީ އީރާނުންނެވެ. ބްލޮކޭޑުން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓި، ބޭރު ފައިސާ ލިބޭ މައި ދޮރު ބަންދުވާނެއެވެ. ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބޭނީ، އީރާނުގެ ތެލުގެ އެންމެ ބޮޑު އަދަދެއް ގަންނަ ފަރާތް ކަމަށްވާ ޗައިނާއަށެވެ.
ނަމަވެސް ގެއްލުމުގެ އަސަރު ކުރާނީކީ ހަމައެކަނި އީރާނާއި ޗައިނާއަށް އެކަންޏެއް ނޫނެވެ. ގަލްފުގެ ޤައުމުތަކުގެ ތެލުގެ ވިޔަފާރިއަށް ނުސީދާ ގެއްލުން ލިބޭނެއެވެ. ސައުދީ ޢަރަބިއްޔާ މިހާރު ވެސް ތެޔޮ ރެޑް ސީގެ ޔަންބޫ ބަނދަރަށް ޑައިވާޓް ކުރަމުން ގެންދެއެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރު އިތުރަށް ހީނަރުވެ، ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ގޮސް، ރާއްޖެ ފަދަ ތެޔޮ އެތެރެކުރާ ޤައުމުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް