މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ20 ޕަސެންޓު ދަށްވެއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ1.11 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު26.9 ޕަސެންޓު ދަށް އަދަދެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާއިން ލަފާކުރި ވަރަށްވުރެ20.3 ޕަސެންޓު ދަށް އަދަދެކެވެ.
މާޗް މަހު މީރާއަށް ބަލައިގަނެފައިވާ 637.67 މިލިއަން ރުފިޔާ އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 131.64 މިލިއަން ރުފިޔާއެވެ.
ބީ.ޕީ.ޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 74.04 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 128.68 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއިން ބަލައިގެންފަ ވެއެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ ދަށް ވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް ލަސްވުމާއި، މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 11.1 ޕަސެންޓު ދަށްވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް