ބެންގަލޫރުގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

އިންޑިއާގެ ބެންގަލޫރުގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން ޗާޓާޑް ފްލައިޓެއް ބާއްވަން ހަމަޖައްސައިފި އެވެ. މިކަން ކާމަ ކުރެއްވީ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. އޭނާ ވިދާޅުވީ މި ދަތު...

13 Apr 2020 | 03:49

އިންޑިއާގެ ބެންގަލޫރުގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން ޗާޓާޑް ފްލައިޓެއް ބާއްވަން ހަމަޖައްސައިފި އެވެ.

މިކަން ކާމަ ކުރެއްވީ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. އޭނާ ވިދާޅުވީ މި ދަތުރު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ މާދަމާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މާދަމާ ބެންގަލޫރުގެ އިތުރުން ކޮޗިންގައި ތިބި ދިވެހިންތަކެއް ގެންނަން ވެސް މޯލްޑިވިއަންއިން ދަތުރެއް ކުރާނެ އެވެ. މި ދަތުރުތަކުގައި ގެންނާނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ނާދެވި އެ ދެ ސިޓީގައި ތާށިވެފައި ތިބި މީހުންނެވެ.

އެމީހުންނަކީ މޯލްޑިވިއަންއިން އިންޑިއާ ބަންދު ކުރުމުގެ ކުރިން ބާއްވަން އުޅުނު ފްލައިޓުތަކުގައި ރާއްޖެ އަންނަން ޓިކެޓު ނަގާފައިވާ މީހުންނެވެ. އެ ދަތުރުތައް ފަހުވަގުތު މޯލްޑިވިއަންއިން ކެންސަލް ކުރުމުން ބޭސްފަރުވާއަށް ގޮސްތިބި ގިނަ ބަޔަކު ވަނީ އިންޑިއާގައި ތަށިވެފައި އެވެ.

މީގެ އިތުރުން ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ގެނެވޭތޯވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަހުގެ16 ވަނަ ދުވަހު ބަންގްލަދޭޝްގައި ތިބި ދިވެހިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން މޯލްޑިވިއަންއިން ވަނީ އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ސްރީލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިން ގެންނަން ޗާޓާޑް ފްލައިޓުތައް ބާއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް