އެއް ހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްގެ ދަށުން ލ އަތޮޅުގައި ކުރިއަށްގެންދިޔަ ކޯހުގެ ދަސްވެނިވުން ބާއްވައިފި އެވެ.
ލ އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލ ފޮނަދޫގެ ޖަމްއިއްޔާއެއް ކަމުގައިވާ ޔޫތު ޑެވެލޮޕްމެންޓް ސޮޝައިޓީ (ވައިޑީއެސް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ބެޗެއް މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައި ވެ އެވެ.
މިރޭ ލ ފޮނަދޫގައި ހުންނަ ލ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަސްވެނިވި ފޮޓޯގްރާފަރުންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. މި ޕްރޮގްރާމްގެ ދަށުން 83 ދަރިވަރަކު ތަމްރީނު ކޮށްފައި ވެ އެވެ.
މި ޕްރޮގްރާމްގައި އަތޮޅުގެ އެކި ރަށްރަށުން ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ފަށާފައިވަނީ ކޮންމެ ބައިވެރިއަކަށް ނިކޮން ޑީ3400 ކެމެރާއެއް ދިނުމަށްފަހުގައި އެވެ. މި ކެމެރާ ދޫކޮށްފައިވަނީ ކޯސް ނިމުމުން 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ.
ލ އަތޮޅުގައި މި ޕްރޮގްރާމް އިންތިޒާމް ކުރި ވައިޑީއެސް ޖަމްއިއްޔާއިން ބުނީ މިފަދަ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމަކީ އަތޮޅުގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ ޖަމިއްޔާގެ ފަރާތުން ޓިވެޓާއި ގުޅިގެން މިފަދަ އިތުރު ކޯސްތަކާއި ޕްރޮގްރާމްތައް ޒުވާނުންނަށް ފަހިކޮށްދިނުމަށް މިހާރުވެސް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޖަމްއިއްޔާގެ އަމާޒަކީ ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުސަތު ހޯދައިދީ ޒުވާނުން ކުރިއެރުވުން ކަމުގައި ވައިޑީއެސްއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް