ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކާއި، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން 2 އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހުނުއިރު، ލިވަޕޫލްގެ ތަރި ސަލާހަށް ކުރީގެ ކްލަބް ރޯމާއާ ދެކޮޅަށް ނުކުންނަން ޖެހޭނެކަން ކަށަވަރު ވެއްޖެއެވެ.
ދާދި ދެންމެއަކު ސްވިޒަލޭންޑްގެ ނިއޯންގައި ކުރިއަށް ދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ގުރު ވެސް ނަގާފައިވާއިރު، ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތުގެ ސެމީގައި އެތުލެޓިކޯ މެޑްރިޑާއި އާސެނަލް ވާދަކުރަން ޖެހުނުއިރު، ދެން އޮތީ މާސެއިލް އާއި ސަލްސްބާގް ގެ ކުރިމަތިލުމެކެވެ.
ޗެމްޕިއަންސް ލީގަށް ނަން ރިބްރޭންޑް ކުރި ފަހުން ޖެހިޖެހިގެން 2 އަހަރު މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ކްލަބްގެ ޝަރަފު ރެއާލް މެޑްރިޑުން ހޯދާފައިވާއިރު، އެ ޓީމުގެ އަމާޒަކަށް ވާނީ ޔޫރަޕްގެ ޝަރަފުވެރި ކްލަބް މުބާރާތުގައި ބަޔާން މިޔުނިކު ބަލިކޮށް، އެ ޓީމަށް ފަހު (1994-1996) ޖެހިޖެހިގެން 3 އަހަރު މުބާރާތް ކާމިޔާބު ކުރާ ފުރަތަމަ ކްލަބަށް ވުމެވެ.
އަނެއްކޮޅުން އެންމެން ހައިރާން ކޮށްލައި ބާސާ ކަޓުވާލުމަށްފަހު ސެމީއަށް އައި ރޯމާއަށް ލިވަޕޫލްއާ ބައްދަލުކުރަން ޖެހުނުއިރު، މިއީ އެ ޓީމުގެ ކުރީގެ ތަރި މުޙައްމަދު ސަލާހް ލިވަޕޫލަށް ބަދަލުވިފަހުން ރޯމާއާ ދެކޮޅަށް ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗުތައް ކުޅޭނީ 24 އަދި 25 އޭޕްރިލް ގައެވެ. ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ މެއި މަހުގެ 1 އަދި 2 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް