ފިލްމާއި ޝޯ ދެއްކުމަށް އޮލިމްޕަސް ކުއްޔަށް ދޫކުރާ އަގު 50 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އަލަށް އެތަން ހިންގުމާއި ހަވާލުވި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބުނެފި އެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ފިލްމާއި ޝޯތައް ދެއްކުމަށް އެތަން ކުއްޔަށް ދޫކުރާނީ 2،000 ރުފިޔާއަށް ކަމަށެވެ. މީގެ ކުރިން އެތަން ދޫކުރަމުން އައީ 4،000 ރުފިޔާ އަށެވެ.
ތަނުގައި ހުރި ބައެއް ސާމާނު ހަލާކުވެފައިވާތީ ޕީއެސްއެމްއިން ވަނީ އެތަކެތި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައި އެވެ. އެގޮތުން ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ޒުވާނުންނަށް ހާއްސަ ވަސީލަތްތައް ތަނަވަސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން ޓިކެޓު ގަތުމާއި އޮލިމްޕަސް ބުކް ކުރުން އޮންލައިން ކޮށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސިނަމާއަކީ ހެނދުނާއި މެންދުރު އަދި ރޭގަނޑު ފިލްމު ދައްކާ ތަނަކަށް ބަދަލު ކުރާނެ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.
މި ބަދަލާއި އެކު ދިވެހިންގެ މެދުގައި މަގުބޫލު އެކި ސަގާފަތްތަކާއި ބަސްބަހުގެ ފިލްމާއި ކުޑަކުދިންނަށް ހާއްސަ ފިލްމުތައް ދައްކަން ފަށާނެ އެވެ.
މީގެ ކުރިން އެންސީއޭއިން ހިންގަމުން އައި އޮލިމްޕަހުގެ ހިންގުމާއި ޕީއެސްއެމް ހަވާލުވީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ޕީއެސްއެމްއިން ބުނެފައިވަނީ އެތަން ހިންގުމާއި ހަވާލުވަނީ ރައީސް އަބްދުﷲ ޔާމީންގެ ޒުވާނުންގެ އެޖެންޑާ ތަންފީޒު ކޮށްދިނުމުގައި ކާމިޔާބީތަކެއް ހޯދައި ދިނުމަށް ކަމަށެވެ.
އޮލިމްޕަސް މިހާރު އެ ހުރި ފެންވަރަށް ތަރައްގީ ކުރީ 2013 ވަނަ އަހަރު ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް