ރާއްޖެ ކޮމަންވެލްތްގެ މެންބަރެއްގެ ގޮތުގައި އަލުން ބަލައި ގަންނާނީ، އަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގަ ބާއްވާ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތްގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް އެންމެ އަވަހަށް އޮތީ ވެސް އަންނަ އަހަރު ޖުލައި މަހު ރުވަންޑާގަ އެވެ. ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގައި ބައިވެރިވީ 9 ޖުލައި 1982 ގައެވެ.
ޝާހިދު ވިދާޅުވީ، ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ހިލާފަށްކަމަށް ވާތީ އެކަން އެ ޖަމާއަތުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރު ބާއްވާ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ވެސް ރާއްޖެއަށް އަލުން ކޮމަންވެލްތުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް އަރިހުގައި ދަންނަވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހީދު ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން، ތައުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕްތަކާއި ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ގެއްލިފައިވާކަމަށް ވިދާޅުވެފަ އެވެ. ޝާހިދު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮމަންވެލްތުއަކީ ވަރަށް ގިނަ ދާއިރާތަކުން މެންބަރު ގައުމުތަކަށް އެހީވެދޭ ޖަމިއްޔާއެކެވެ. އެގޮތުން މީހުން ބިނާކުރުމާއި، ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ކޮމަންވެލްތު ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ލިބޭ ލުއިތައް ވެސް ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ގެއްލިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް