ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖާޒީ ބީއެމްއެލް އިން ދައްކާލައިފި

ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ މިއަދު ދައްކާލައިފިއެވެ. ސަތޭކައަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި މުބާރާތުން...

13 Mar 2019 | 08:02

ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ މިއަދު ދައްކާލައިފިއެވެ.

ސަތޭކައަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދީ ޝާޒިފް އާދަމްއެވެ. މި ޖާޒީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގައެވެ.

ޖާޒީ ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ސަތޭކައަށްވުރެ ގިނަ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ލިބުނު ޝާޒިފް އަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައިވެސް ނަންވިދާލާފައިވާ ޒުވާނެކެވެ. ޖާޒީ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާޒިފްއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ 25،000 ރުފިޔާގެ އިނާމެއް ދީފައެވެ. ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައިވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ 'ރެޑް ސްނެޕަރ' ނުވަތަ ރަތްމަހެވެ. މިއަދު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.

ގައުމީ ޓީމްގެ އާ ޖާޒީ އާ ގުޅޭ ގޮތުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން  ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ 2017 އިން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ފަހުރުވެރި ސްޕޮންސަރ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް. އަދި މި މުއްދަތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން އުފާކުރަން. ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖާޒީ އެއް ފަރުމާކުރުމަށް އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވިކަން ފާހަގަކުރަން. މި މުބާރާތުން އެއްވަނަ ހޯދި ޝާޒިފް އާދަމް އަށް މަރުހަބާ ދަންނަވަން. ފުރަތަމަ ފަހަރަށް މި ޖާޒީ ގައުމީ އަންހެންޓީމުން ބޭނުންކުރާ ކަމީ އަޅުގަނޑުމެންނަށް ލިބޭ އިތުރު އުފަލެއް. ކުރިއަށް އޮތްތާނގައިވެސް ދިވެހި ކުޅިވަރު އިތުރަށް ތަރައްގީކުރުމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެމުން ދާނަން."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް