ތ. ތިމަރަފުށީގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ، އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.
މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ އުމުރުން 52 އަހަރުގެ ޒުލޭޚާ އަބްދުލް ޣަނީ އަކީ، ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތައެވެ. ޒުލޭޚާ މިވަގުތު ނޭވާ ލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ގިޔާސް ވިދާޅުވީ، ރޭގައި މައިދައިތަގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރެވިފައިވާ ކަމަށެވެ. އަދި މައިދައިތަގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓެއް، އަދި ދެ ދަތް ވެސް އަނީ ބިނދިފައި ކަމަށް ގިޔާސް އިތުރަށް ވިދާޅުވިއެވެ. އަދި އެކްސިޑެޓް ވި ފަހުން މައިދައިތަ ހޭނާރާކަމަށްވެސް ގިޔާސް ވިދާޅުވިއެވެ.
މި އެކްސިޑެންޓް ވީ، ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭޚާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި އައި ވޭނެއްގައި ޖެހިފައެވެ. އަދި ހާލު ސީރިއަސްވެގެން އެމްއެންޑީއެފް ގެ އެހީގައި ޒުލޭޚާ އިއްޔެ މާލެގެނައީ ހެލިކޮޕްޓަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް