ހިކެން މަޖުބޫރުވީ ދަރިފުޅާއެކު ކުޅެލާނެ ވަރުވެސް ނުހުންނާތީ

ގިނަ އަންހެނުންނަކީ މާބަނޑު ދުވަސްވަރު ފަލަވާގޮތައް، ވިހެއުމަށްފަހު ވެސް ހަށިގަނޑުގެ ބަރުދަން އިތުރުވެފައިވާ މީހުންނެވެ. ފަލަވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާއިރު، ހަށިގަނޑުގެ ފަލަކަން ނައްތާލަން ކުރަނ...

13 Mar 2019 | 06:16

ގިނަ އަންހެނުންނަކީ މާބަނޑު ދުވަސްވަރު ފަލަވާގޮތައް، ވިހެއުމަށްފަހު ވެސް ހަށިގަނޑުގެ ބަރުދަން އިތުރުވެފައިވާ މީހުންނެވެ. ފަލަވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާއިރު، ހަށިގަނޑުގެ ފަލަކަން ނައްތާލަން ކުރަންޖެހޭ މަސައްކަތް ވަރަށް ބުރައެވެ. ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭކާރު މަސްތައް ދުއްވާލަން ކެއުމަށް ބަދަލު ގެންނަން ޖެހެއެވެ. އިތުރަށް ކަސްރަތުކޮށް، ކުރިޔަށްވުރެ ބޮޑަށް ހަށިގަނޑު ހެލިފެލިވެ އުޅެންޖެހެއެވެ. މިއީވެސް ދާދިފަހުން އަލަށް މަންމައަކަށް ވި އަންހެނެއްގެ ވާހަކައެވެ.

އިންޑިއާއަށް އުފަން އުމުރުން 29 އަހަރުގެ އަރްޕިތާ ރާއީ ބުނިގޮތުގައި، ވިހެއުމަށްފަހު އޭނާގެ ހަށިގަނޑުގައި 110 ކިލޯ ހުއްޓެވެ. ކޮޓަރިން ބަދިގެޔަށް ދިއުމަކީވެސް އޭނާއަށް ބުރަކަމެކެވެ. ހިނގާލާއިރަށް ވަރުބަލި ވަނީއެވެ. މާ ނޭވާ ލެވެނީއެވެ. ދަރިފުޅު ގޮވައިގެން ގޭގައި އެކަނި އުޅެން ޖެހުމުގެ ސަބަބުން، ދަރިފުޅުގެ ކަންކަން ކުރަން ޖެހެނީ އޭނާއަށެވެ. ނަމަވެސް އެންމެ ދެރަވަނީ ދަރިފުޅާއެކު ކުޅެލާނެ ހާ ހިތްވަރު ވެސް އޭނާގެ ގައިގައި ނުހުންނާތީއެވެ.

މިހާ ހިސާބުން އަރްޕިތާ އަށް ވިސްނުނީ މި ބަރުދަނުގައި އޭނާއަށް ނޫޅެވޭނެކަމެވެ. އެހެންކަމުން އާ ހިތްވަރާކާއި އެކީ އޭނާ ހިކެން މަސައްކަތް ކުރިއެވެ.

އަރްޕިތާގެ ޑައިޓް ޕްލޭން އޭނާ ހިއްސާކުރިއެވެ. އަރްޕިތާ ބުނިގޮތުގައި އޭނާގެ ހެނދުނުގެ ނާޝްތާ އަކީ އާފަލަކާއި، ލޯ ފެޓް މިލްކްގައި އޯޓްސްއެވެ. މެންދުރު ކަނީ ފެނުކެއްކި ތަރުކާރީ އާއި ދެ ރޮއްޓެވެ. ބައެއް ދުވަސްދުވަހު މުށެއް ވަރުގެ ބަތްކޮޅެއް ކާ ކަމަށްވެސް އޭނާ ބުންޏެވެ. ރޭގަނޑުގެ ނާޝްތާއަކަށް އޭނާ ނަގަނީ ވަރަށް ލުއި ނާޝްތާއެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ރޭގަނޑު ކަނީ އެއް ރޮއްޓާއި ކޮންމެވެސް ވައްތަރެއްގެ ރިހައެކެވެ. ދެން އިތުރަށް ބަނޑުހައިވާނަމަ، ކުކުޅު ބިހެއް ނުވަތަ މޭވާއެއް ކާލާ ކަމަށް އަރްޕިތާ ބުންޏެވެ. ނަމަވެސް މި ޑައިޓުން އެއްވެސް ވަރަކަށް ބަނޑުހައި ހޫނުކަން ނުފިލާކަމަށް އޭނާ ބުންޏެވެ. އެކަމުގެ ހައްލަކީ ލޯ ފެޓް ކިރު ތައްޓެއް ނުވަތަ ބައިވަރު ފެން ބުއިން ކަމަށް އޭނާ ބުންޏެވެ. ކެއުމުގެ ކުރިން ދެތަށި ފެން ބޯކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ސަބަބުން ވަރަށް އަވަހަށް ބަނޑު ފުރޭނެއެވެ.

މީގެ އިތުރުން އަރްޕިތާ ކޮންމެ ދުވަހަކު ހެނދުނު 45 މިނިޓު ޖޮގިން ކުރެއެވެ. ފުރަތަމަ ދުވަސްކޮޅު 15 މިނިޓުވެސް ނުދުވެވޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް 6 މަސް ދުވަސްތެރޭ 110 ކިލޯ އިން 45 ކިލޯ އަށް ކުޑަކޮށްލެވޭނީ ވަރަށް މަސައްކަތުން ކަމަށް އޭނާ ބުންޏެވެ.

އަރްޕިތާގެ މި ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނީ، އެންމެ ދެރަވަނީ މީރު ކާއެއްޗެހި ނުކެވޭތީ ކަމުގައެވެ. ވޯކްއައުޓް ފެއްޓިތާ މާ ގިނަ ދުވަހެއް ނުވެ، ނަތީޖާ ފެންނަން ފެށުމުން އިތުރު ހިތްވަރެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިއީ އެކަކަށް ވެސް ނުކުރެވޭ ވަރު ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް