ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ހެޓްރިކާއެކު އެތުލެޓިކޯ ހަމަބިމަށް ގެނެސް ޔުވެންޓަސް ކުއާޓާ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ބުރުގެ ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކާއެކު، 3-2 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ޔުވެންޓަސް ކުއާޓާ ފައިނަލަށް ދ...

13 Mar 2019 | 05:00

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ބުރުގެ ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ކުރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކާއެކު، 3-2 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ޔުވެންޓަސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މި ދެ ޓީމު އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 2-0 އިން އެތުލެޓިކޯ މޮޅުވިއިރު، ރޮނާލްޑޯއަށް ވަނީ ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް އަމާޒުވެފައެވެ. އެތުލެޓިކޯއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކުޅުންތެރިއަކަށް ވެފައި، ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކޯގެ ސަޕޯޓަރުންގެ މަލާމާތާ ރޮނާލްޑޯއަށް ކުރިމަތިލާން ޖެހުނުއިރު، އެތުލެޓިކޯގެ މޮޅަށްފަހު އެ ޓީމުގެ ކޯޗު ސިމިއޯނީ ވަނީ ހުތުރު ވައްތަރެއްކަމަށް ބެލެވޭ އިޝާރާތެއް ވެސް ކޮށްފައެވެ.

އެހެނަސް، ރޮނާލްޑޯ މި ވަނީ ރޭގެ މެޗުގެ ކުރިން ވެސް ބުނަމުން އައި ފަދައިން ނަތީޖާ ޔުވެންޓަސްކޮޅަށް އަނބުރާލަދީ، އަނެއްކާ ވެސް އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ރަސްގެފާނުކަން ސާބިތު ކޮށްދީފައެވެ. އަނެއްކޮޅުން ރެއާލްއާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއަށް ތަކުރާރުކޮށް ދެމުން އައި ހިތްދަތިކަމުގެ ސިލްސިލާއަށް ބޮޅެއް އިތުރުވީއެވެ.

ނަތީޖާ އަނބުރާލަން ނުކުތް ޔުވެންޓަސް އިން ރޭގެ މެޗުގެ ކުރީކޮޅު ލަނޑެއް ޖެހިއެވެ. އެހެނަސް 4 ވަނަ މިނިޓުގައި ކިއަލީނީ އެ ލަނޑު ޖެހުމުގެ ކުރިން ރޮނާލްޑޯ ހޯދި ބޯޅައިގައި އެތުލެޓިކޯގެ ގޯލްކީޕަރ އޮބްލަކް އަށް ފައުލް ކުރިކަމަށް ވީއޭއާރ އިން ނިންމައި އެ ލަނޑު ބަލައިނުގަތެވެ.

ޔުވެންޓަސްއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، އެ ޓީމުގެ އުންމީދު އާކޮށްލަދިން ފުރަތަމަ ލަނޑު އެ ޓީމަށް ރޮނާލްޑޯ ޖަހައިދިނީ މެޗުގެ 27 ވަނަ މިނިޓުގައެވެ. ބާނާޑެންސްކީ ފަހަތު ދަނޑިއާ ދިމާއަށް ހުރަސްކޮށްލި ބޯޅައަށް އަރައި ރޮނާލްޑޯ ބޮލުން ބޯލަ ގޯލަށް ވައްދާލީ އެތުލެޓިކޯގެ ޑިފެންޑަރ ޖޯފުރާން ކައިރީގައި ވިއްދާފައި ހުއްޓައެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއިން ނިމުނުއިރު، ޔުވެންޓަސް އިން ވަނީ ދެ ވަނަ ހާފު ފެށިގޮތަށް ނަތީޖާ ހަމަހަމަކޮށްލާފައެވެ. ކެންސެލޯ ނަގައިދިން ހުރަހަކަށް އަރައި މިފަހަރު ވެސް ރޮނާލްޑޯ ބޮލުން ބޯޅަ ގޯލަށް ވައްދާލިއިރު، ކައިރީގައި ތިބި އެތުލެޓިކޯގެ ދެ ޑިފެންޑަރުންނަށް ކުރެވުނު ކަމެއް ނެތެވެ.

އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްލުމަށް ފަހުގައި ވެސް ޔުވެންޓަސްއިން ފުރިހަމަ އެޓޭކިންގ ގޭމެއް ކުޅެމުންދިޔައިރު، އެތުލެޓިކޯއަށް އުޅެން ޖެހުނީ ސަލާމަތް ނުވެވިގެންނެވެ. ނަތީޖާއެއްގެ ގޮތުން އޭރިޔާގެ ތެރެއިން ބާނާޑްސްކީއަށް އެތުލެޓިކޯގެ ކޮރެއާ ކުރި ފައުލްއަކާ ގުޅިގެން ޔުވެންޓަސްއަށް މެޗުގެ ފަހުކޮޅު ޕެނަލްޓީއެއް ލިބުނެވެ.

މެޗުގެ 86 ވަނަ މިނިޓުގައި ރޮނާލްޑޯ ޕެނަލްޓީ ވައްދާލީ އެތުލެޓިކޯގެ ގޯލްކީޕަރ އޮބްލަކް ނުބައިފަޅިއަށް ވައްޓާލާފައެވެ. މިއާއެކު ފުރިހަމަ ހެޓްރިކަކުން ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދިންއިރު، މި މެޗުގެ ކުރިން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ލަނޑެއް ޖެހިފައިވާ ރޮނާލްޑޯ މި ވަނީ އެންމެ މުހިންމުކަން ބޮޑުވި މެޗުގައި އޭނާގެ އަސްލު ސޫރަ ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް